އަކްޝޭއަށް 14 އަހަރު ފަހުން ޑައިރެކްޓަރު ޕްރިޔާދަރްޝަންގެ ކޮމެޑީ ފިލްމަކަށް

ޑައިރެކްޓަރު ޕްރިޔާދަރުޝަން އަދި އަކްޝޭ ކުމާރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިއްޔެ އުމުރުން 57 އަހަރު ފުރުނު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އިތުރު ކޮމެޑީ ފިލްމަކަށް ސޮއިކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ހެއްވާ މަޖާ ޑްރާމާ ފިލްމު "ކޭލް ކޭލް މޭ"ގެ މުހިއްމު އެކްޓަރުގެ އުފަން ދުވަހާ ގުޅުވައިގެން ޑައިރެކްޓަރު ޕްރިޔާދަރްޝަންގެ ފިލްމަކަށް ސޮއިކޮށްފައިވާކަން އަކްޝޭ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ވެސް އިއުލާނުކޮށްފައެވެ.

މިއީ އަކްޝޭ އާއި ޑައިރެކްޓަރު ޕްރިޔާދަރުޝަން އެކީގައި މަސައްކަތް ނުކުރާތާ 14 އަހަރަށް ފަހު ސޮއިކުރި ފިލްމެކެވެ. ޕްރޮޑިއުސަރު އެކްތާ ކަޕޫރާ އެކު އަކްޝޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މި ފިލްމުގެ ނަމަކީ "ބޫތު ބަންގްލާ"އެވެ.

ޕްރިޔާދަރްޝަންއާ އެކު އަކްޝޭ އެންމެ ފަހުން މަސައްކަތް ކުރި ފިލްމަކީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކައްޓާ މީޓާ"އެވެ.

އަކްޝޭ ކުމާރު އަލަށް ސޮއިކުރި ފިލްމު "ބޫތު ބަންގްލާ"ގެ ޕޯސްޓަރެއް --ފޮޓޯ/ބޮލީވުޑްހަންގާމާ
އަކްޝޭ ބުނެފައިވާ ގޮތުގައި މި އަހަރުތެރޭ ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު އަމާޒަކީ އަންނަ އަހަރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން އަކްޝޭއާއެކު މި ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނަނީ ފިލްމު "ގުޑް ނިއުސް"ގައި އަކްޝޭއާ އެކު މަސައްކަތް ކޮށްފައިވާ ބަތަލާ ކަރީނާ ކަޕޫރެވެ.

އަކްޝޭ އާއި ޑައިރެކްޓަރު ޕްރިޔާދަރްޝަން އެކީގައި މަސައްކަތް ކުރި ކާމިޔާބު ކޮމެޑީ ފިލްމުތަކުގެ ތެރޭ "ބޫލް ބުލައްޔާ"، "ދޭ ދަނާ ދަން"، "ބާގަމް ބާގް" އަދި މަޝްހޫރު ފިލްމު "ހެރާ ފޭރީ" ހިމެނެއެވެ.

އިންޑިއާގެ ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކްޓަރުންގެތެރޭ އަކްޝޭ ހިމެނޭއިރު އަކްޝޭ ވަނީ މި އަހަރު އެކަނި ވެސް ހަ ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރެއިން މިހާތަނަށް ރިލީޒްވެފައި ވަނީ ހަތަރު ފިލްމެވެ.

comment ކޮމެންޓް