އަޖޭ އާއި ރަކުލްގެ ހެއްވާ މަޖާ ފިލްމަށް އާރް މާދަވަން

ފިލްމު "ދޭ ދޭ ޕިޔާރުދޭ 2"ގެ ތަރިން ކަމަށްވާ އާރް މާދަވަން، ރަކުލް ޕްރީތު އަދި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

މި މަހު މަސައްކަތް ފަށަން ތައްޔާރުވެފައިވާ ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ކާސްޓާ އެކްޓަރު އާރް މާދަވަން ގުޅިއްޖެއެވެ.

މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރުދޭ"ގެ ސީކުއަލްއެކެވެ. މި ފިލްމުގެ މުހިއްމު ރޯލްއިން އަޖޭ އާއި ރަކުލްއާ އެކު ބަތަލާ ތައްބޫ ފެނުނު ނަމަވެސް ސީކުއަލްއިން ތައްބޫ ނުފެންނާނެއެވެ. ނަމަވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ކުޅަދާނަ އެކްޓަރު އާރް މާދަވަން ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.

އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމުގެ ބޮޑު ބައެއްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ ޕަންޖާބުގައެވެ.

މިއީ ކުރިން މުމްބާއީގައި ނަގަން ނިންމި މަންޒަރުތަކެއް ނަމަވެސް އަޖޭ މިވަގުތު ފިލްމު "ސަން އޮފް ސަރުދާރު 2"ގެ މަސައްކަތުގައި ޕަންޖާބުގައި ހުރުމުން ފިލްމުގެ ލޮކޭޝަން ވަނީ ބަދަލުކޮށްފައެވެ.

އާރް މާދަވަން އަދި އަޖޭ ދޭވްގަން ފިލްމު "ޝައިޠާން"ގެ މަންޒަރެއްގައި--ޖީކިއުއިންޑިއާ

ސީކުއަލް ފިލްމުގައި އާރް މާދަވަން ކުޅޭނީ މުހިއްމު ރޯލެއްކަން ކަށަވަރުވެފައިވީ ނަމަވެސް ފިލްމުގައި އެކްޓަރު ފެންނާނު ޕްލޮޓު ވަނީ ސިއްރުކުރެވިފައެވެ.

ބޮޑު ކާމިޔާބީއެއް ހޯދި "ތަނޫ ވެޑްސް މަނޫ"ގެ އެކްޓަރު ވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ޝައިޠާން"ގައި އަޖޭއާ އެކު މަސައްކަތްކޮށްފައެވެ.

ނަމަވެސް މިއީ އާރް މާދަވަން ރަކުލްއާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އަންޝުލް ޝަރުމާ ޕްރޮޑިއުސްކޮށް ޓީ-ސީރީސް އާއި މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަންގެ ކުންފުނިން ގެނެސްދޭ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި މަހުއެވެ.

comment ކޮމެންޓް