ފިލްމު "ބަޖްރަންގީ ބައިޖާން" އަދި "އެކްތާ ޓައިގާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ކަބީރު ޚާން, ދަރުމާ ކުންފުންޏާ ގުޅިގެން ފިލްމެއް އުފެއްދުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކަބީރު ޚާން ކޮމާޝަލް ސިނަމާއަށް އެނބުރި އަންނަން ގަސްތުކޮށް އުފައްދަން ޚިޔާލުކޮށްފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެއް ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް ފިލްމާ ބެހޭ ތަފުސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާ ފެށިފައިވާއިރު ކަބީރު ޚާން އަންނަނީ ފިލްމުގެ ލީޑް ރޯލްއަށް ގެންނާނެ އެކްޓަރަކާ މެދު ވިސްނަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަބީރުގެ ވިސްނުން ހުރީ ސަލްމާން ޚާން ނުވަތަ ވިކީ ކޯޝަލް ފިލްމަށް ގެންނަން ކަމަށާއި މި ދެ ތަރިން ވެސް ވަނީ ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފިލްމުގެ އެންމެ ފަހުގެ ޑްރާފްޓްތައް އަޑު ނާހާ ވަކި ގޮތެއް ނިންމަން ބޭނުންނުވަނީ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ކަބީރު ޚާންގެ ފިލްމުން ފެނިދާނެ ކަމަށް ބުނެވޭ ދެ އެކްޓަރުން ކަމަށްވާ ވިކީ ކޯޝަލް އަދި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާން ޚާން އަކީ މީގެކުރިން ވެސް ކަބީރުއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ. ނަމަވެސް ވިކީ މި ފިލްމަށް އެއްބަސްވެއްޖެ ނަމަ މިއީ ކަބީރުއާ އެކު ވިކީ މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.
ކަބީރު ޚާން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރު ރިލީޒްކުރި ކުޅިވަރުގެ ބައޮޕިކް ފިލްމު "ޗަންދޫ ޗެމްޕިއަން"އެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އެކްޓަރު ކާތިކް އާރްޔަންއެވެ.