ހަސީނާއާ ހެދި އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ގޯސްވަނީ

ޝައިޚް ހަސީނާ: ހަސިނާއާ ހެދި އިންޑިއާ - ބަންގްލަދޭޝް ގުޅުން ގޯސްވެދާނެ ކަމަށް ޔޫނުސް ވަނީ ވިދާޅުވެފައި --

ޑާކާ (9 ސެޕްޓެމްބަރު 2024): ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ގައުމުން ފިއްލެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިންޑިއާގައި ހުންނަވައިގެން ބަންގްލަދޭޝްގެ ހަމަޖެހުން ނަގާލާގޮތަށް ބަޔާންތައް ދެއްވުމަކީ ދެ ގައުމުގެ ގުޅުންތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް ބަންގްލަދޭޝްގެ ވަގުތީ ރައީސް މުހައްމަދު ޔޫނުސް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ"އަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު ޔޫނުސް ވިދާޅުވީ, ހަސީނާގެ ސަބަބުން ބަންގްލަދޭޝްގެ އެތައް ބަޔަކު މަރުވެ، ގައުމަށް ލިބުނު ގެއްލުންތައް އިންޑިއާއަށް ވެސް އެނގޭނެ ކަމަށާއި އިންޑިއާގައި ހުންނަވައިގެން ބަންގްލަދޭޝްގެ ހަމަޖެހުން ނަގާލާގޮތަށް ބަޔާންތައް ދިނުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ހަސީނާއަށް ދިނުމަކީ ބަންގްލަދޭޝްއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަސީނާގެ ދިގުލީ އަދި އަނިޔާވެރި ވެރިކަމަށް ވާގިވެރިވިކަމުގެ ތުހުމަތު ބަންގްލަދޭޝްގެ އާންމުން އެންމެ ބޮޑަށް ކުރަނީ އިންޑިއާގެ މައްޗަށެވެ. މިދިޔަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި އިންޑިއާއަށް ފިއްލެވީ އޭނާއާ ދެކޮޅަށް ބަންގްލަދޭޝްގެ އާންމުން އުތުރި އަރަން ފެށުމާ އެކު ވެރިކަން ދިފާއުކުރުމަށްޓަކައި ސިފައިންގެ ހިމާޔަތް ނުލިބޭނެ ޔަގީންވުމުންނެވެ.

ހަސީނާ ގައުމުން ފިއްލެވީ އޭނާގެ ގެދޮރާއި މުދަލާ އަދި ވިޔަފާރި ވެސް ދޫކޮށްލައްވާފައެވެ. ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ފުޅާ ދާއިރާއެއްގައި ހިންގާފައިވާއިރު އަދި ވެރިކަން ދިފާއުކުރުމަށްޓަކައި 90 އަށް ވުރެ ގިނަ މީހުން މަރާފައިވާއިރު އޭނާގެ ގެދޮރާއި މުދަލާއި ވިޔަފާރި ދެން އަނބުރައި ހަސީނާއަށް ލިބިދާނެ ކަމާ މެދުވަނީ ޝައްކު އުފެދިފައެވެ.

އިންޑިއާއިން ހިމާޔަތް ހޯއްދަވައި އެ ގައުމުގައި ހުންނަވައިގެން ހަސީނާ ގެންދަވަނީ ބަންގްލަދޭޝްގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުންނާއި ބަންގަލަދޭޝްގެ ވަގުތީ ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ބަޔާންތައް ދެއްވަމުންނެވެ.

ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލަވައިގެން ދިޔުމާ ގުޅިގެން ބަންގްލަދޭޝްގައިވަނީ ވަގުތީ ސަރުކާރެއް އެކުލަވާލައިފައެވެ. މި ސަރުކާރު ހިންގަނީ 17 މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިޝާރީ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ ވެރިއަކީ ގައުމުގެ ވަގުތީ ރައީސްގެ ގޮތުގައި ހަމަޖައްސާފައިވާ ޑރ. މުހައްމަދު ޔޫނުސެވެ. އޭނާގެ މަގާމަކީ ބަންގްލަދޭޝްގެ ދައުލަތުގެ މުސްތަޝާރުގެ މަގާމެވެ.

ބަންގަލަދޭޝްގެ ހާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ. އިގުތިސާދީ ހާލަތު ވަރަށް ގޯހެވެ. ސިޔާސީ ކޯޅުންތައް ވަރަށް ބޮޑެވެ. މި ހާލަތުގެ ތެރެއަށް ހަސީނާ ވަދެވަޑައިގަންނަވާނަމަ ގައުމީ މަސްލަހަތަށް ނުރައްކާވާނެކަމަށް ބަންގްލަދޭޝްގެ ވަގުތީ ރައީސް މުހައްމަދު ޔޫނުސް ދެކެވަޑައިގަންނަވައެވެ.

"ޕްރެސް ޓްރަސްޓް އޮފް އިންޑިއާ"އަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވިދާޅުވީ، އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދީފައި ހުރިކަމަށްވިޔަސް އޭނާ ބަންގްލަދޭޝްއާ ހަވާލުކުރަން އިންޑިއާ ސަރުކާރުގެ ކިބައިން އެދުމަކީ ބަންގްލަދޭޝަށް ކުރެވިދާނެކަމެކެވެ. މިގޮތަށް މިކަން ކޮށްފިނަމަ އިންޑިއާއަށް ޖެހޭނީ ހަސީނާ ހަވާލުކުރާށެވެ. ނޫނީ އެކަމުގެ ނޭދެވޭ އަސަރު އިންޑިއާއަށް ކުރާނެއެވެ. މާނައަކީ ބަންގްލަދޭޝްގައިވާ އިންޑިއާގެ މަސްލަހަތަށް ނުރައްކާވުމެވެ. ވީމާ އިންޑިއާ ޖެހޭނީ ދެ ގޮތުންކުރެ އެއްގޮތެއް އިޚުތިޔާރުކުރަން ކަމަށް މުހައްމަދު ޔޫނުސް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ހަސީނާގެ އަނިޔާވެރި ވެރިކަމަށް އެހީތެރިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ ހަސީނާއަށް ހިމާޔަތް ދިނުމަށް ފަސްޖެހިފައެވެ. ހިމާޔަތަށް އެދި ހަސީނާ އެ ދެ ގައުމުގެ ސަރުކާރަށް ފޮނުވި ސިޓީތަކަށް ޖަވާބު ލިބިފައިނުވާކަމަށްވެއެވެ.

comment ކޮމެންޓް