ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާފައިވާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ" ގެ ކެރެކްޓާ ޕޯސްޓަރުތައް ބައިސްކޯފުން ނެރެފިއެވެ.
ރައިހާ ޑްރާމާ ސިލްސިލާއަކީ، 12 އެޕިސޯޑު ހިމެނޭ ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ ސިލްސިލާއެކެވެ.
މި ޑްރާމާ ސިލްސިލާ ބައިސްކޯފުން ދައްކަން ނިންމާ، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ރައިހާ ޑުރާމާ ސިލްސިލާގެ އިސް ރޯލުތައް އަދާކުރާ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.

މި ޑުރާމާ ސިލްސިލާގައި ދެން އެންމެ ތަފާތު ރޯލަކުން ފެންނާނީ، އަލީ އުސާމް (ދޮނާ) އެވެ. މި ސިލްސިލާއިން ދެން ފެންނާނީ މުޅިން އާ ތަރިއެކެވެ. އަލަށް ޑުރާމާ ސިލްސިލާއަށް ތަޢާރަފުކުރާ ލައިޝާ ލަތީފްގެ ހުނަރުވެރިކަން ވެސް މި ސިލްސިލާގެ ތަފާތު ރޯލަކުން ފެންނާނެއެވެ.
ބައިސްކޯފުން ވަނީ މި ޑްރާމާ ސިލްސިލާގެ ކެރެކްޓާ ޕޯސްޓަރުތައް ނެރެ، މެއިން ރޯލްތައް ކުޅޭ ކާސްޓުންގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން:
- ނޫރާ ފެނިގެންދާނީ ރައިހާގެ ރޯލުން
- ދޮން އައްޔަ ފެނިގެންދާނީ ޔާނިހްގެ ރޯލުން
- ލައިޝާ ފެނިގެންދާނީ ޒާރާގެ ރޯލުން
- ދޮނާ ފެނިގެން ދާނީ އަޒީމްގެ ރޯލުން

މީގެ އިތުރުން އަހުމަދު އިފްދާއު، ޔާފިއުގެ ރޯލުން ފެނިގެންދާއިރު، އިބްރާހީމް ފައިރޫޒް ފެނިގެންދާނީ ފަހުދުގެ ރޯލުންނެވެ.
"ރައިހާ"ގެ ޓްރެއިލާއާއި ޕޯސްޓަރު، ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު އޯޓީޕީ ބައި ސޮލައިޓްގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ.

ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ. މީގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ.
މި ޑުރާމާ ޝޫޓުކޮށްފައި ވަނީ މ. މުލަކުގައެވެ. މި ސީރީޒްގެ 60 ޕަސެންޓު ކާސްޓުންނަކީ މުލަކު މީހުންނެވެ.