ގިނަ ކުޅުންތެރިންތަކެއް ރިޓަޔާކުރިޔަސް ޖަރުމަނު ވަނީ ވަރުގަދަ، ހަންގޭރީ ކޮޅަށް ފަހެތި ޖެހި

ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ޖަރުމަނުވިލާތުން ހަންގޭރީ ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ.

ޔޫރޯ މުބާރާތުގައި ލިބުނު ނާކާމިޔާބީއަށް ފަހު ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބުކޮށްފައިވަނީ 5-0 އިންނެވެ.

ޔޫރޯއަށް ފަހު ޖަރުމަނު ޓީމުގެ ތަޖުރިބާކާރު ބައެއް ކުޅުންތެރިންވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ޔޫރޯއަށް ފަހު ރިޓަޔާކުރި ކުޅުންތެރިންގެ ތެރޭގައި ޓޯނީ ކްރޫސާއި މެނުއަލް ނޯޔާއާއި ތޯމަސް މުލާއާއި ކެޕްޓަން އިލްކާއި ގުންޑޮގާނެވެ.

އެހެންވެ، ޓީމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް ކުޅުން ފެނުނީ ވަރުގަދަކޮށެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ނިކްލަސް ފުލްކުރޫގެވެ. އެކަމަކު، މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނެއެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ގިނަ ލަނޑުތަކެއް ޖަހައިފައެވެ. އެގޮތުން، 57 ވަނަ މިނެޓުގައި ޖަމާލް މުސިއެލާ އެއް ލަނޑު ޖެހީއިރު ކުޑައިރުކޮޅެއް ފަހުން 66 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. ޖަރުމަނުގެ ހަތަރުވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ޕަވްލޮވިޗެވެ. ފަހު ލަނޑު 81 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ކައި ހަވާޓްޒެވެ.

މުބާރާތުގެ ލީގު ބީގެ ގްރޫޕް އެކެއްގައި އަލްބޭނިއާއާއި ޔޫކްރެއިން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ އަލްބޭނިއާއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ޔުކްހީމް ކޮނޮޕްލިޔާ ކާމިޔާބުކޮށްދިން ލަނޑަކާ އެކު ޔޫކްރެއިނުން ލީޑު ނަގާފައިވަނިކޮށް އަލްބޭނިއާގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 54 ވަނަ މިނެޓުގައި އާޑިއަން އިސްމައިލީއާއި 66 ވަނަ މިނެޓުގައި ޔާސިރު އަސާނީއެވެ.

comment ކޮމެންޓް