ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފިލްމީ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަނަށް ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ލިބެމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ނުކުންނަން ތައްޔާރުވަމުން އަންނަ އާރްޔަން ޚާން ފިލްމު އިންޑަސްޓްރީއަށް އެކްޓަރެއްގެ ގޮތުގައި ތައާރަފުކުރުމުގެ ޝައުޤުވެރިކަން ހުރި ވަރަށް ގިނަ ޕްރޮޑިއުސަރުން ވަނީ ޝާހުއަށް އެކަން ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޝާހްރުކްގެ ގާތް ރަހުމަތްތެރިން ކަމަށްވާ ކަރަން ޖޯހަރު، އަދިތިޔަ ޗޯޕްރާ އަދި ފަރާން ޚާން އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ރާކޭޝް އޯމް ޕްރަކާޝް މެހެރާ އަދި ސައުތު ސިނަމާގެ ބައެއް ޕްރޮޑިއުސަރުން ވެސް ވަނީ އާރްޔަން އެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ތައާރަފުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް، ފިލްމު އުފެއްދުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް މިހާރު އެ މަސައްކަތް ފަށާފައިވާ 26 އަހަރުގެ ޒުވާނާގެ ހަމައެކަނި އަމާޒަކީ ފިލްމު ޑައިރެކްޓްކުރުން ކަމަށް މީގެ ކުރިން ވެސް ޝާހު ވަނީ ވަރަށް ގިނަ އިންޓަވިއުތަކުގައި ބުނެފައެވެ. ގިނަ ބަޔަކު އުއްމީދުކުރި ގޮތާ ޚިލާފަށް އެކްޓިންގް ދާއިރާއަށް ނުކުތުމުގެ އެއްވެސް ޝައުގުވެރިކަމެއް ދަރިފުޅުގެ ނެތް ކަމަށް ޝާހު ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ދާދި ފަހުން އާރްޔަން ވަނީ އަމިއްލަ ފެޝަން ބްރޭންޑެއް ވެސް ޑައިރެކްޓްކޮށްފައެވެ. މި އިޝްތިހާރުގައި ބައްޕަ ޝާހު އަދި ސުހާނާގެ އިތުރުން އާރްޔަންގެ ފެނިލުމެއް ވެސް ހިމެނުނެވެ.
އާރަޔަން އަމިއްލައަށް ސްކްރިޕްޓް ލިޔެ ޑައިރެކްޓް ކުރަމުން އަންނަ ވެބް ސީރީޒް "ސްޓާޑަމް"ގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ގާތަށް އައިސްފައިވާއިރު މި ސީރީޒް ސްޓްރީމް ކުރާނެ ޕްލެޓްފޯމަކާއި ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާރިޔަން އެކްޓިންއަށް ޝައުގުވެރިކަމެއް ނެތް ނަމަވެސް ކޮއްކޮ ސުހާނާ ޚާން ވަނީ މިދިޔަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެފައެވެ. ސުހާނާ އަންނަނީ ފުރަތަމަ ފަހަރަށް ސްކްރީނުން އޭނާ ފެންނާނެ ފިލްމު "ކިންގް"ގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ބައްޕަ ޝާހްރުކް ޚާން ވެސް ފެންނާނެއެވެ.