ދިވެހީން ވަކިވަކިވެ ބައިބައިވާން ޖެހޭ ސަބަބެއް ނެތް: އާދަމް ނަސީރު

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އާދަމް ނަސީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ހަގީގަތުގައި ދިވެހީން ވަކިވަކި ވާންޖެހޭ އަދި ބައިބައި ވާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ގައުމިއްޔަތުގެ އިލްމީ މާނައަކީ ދިވެހީންގެ ވިސްނުމުގައި އޮންނަ ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމުގެ ފިކުރުކަމަށެވެ. އަދި ގައުމިއްޔަތު މަޝްރޫއަކީ އިލްމީ ގޮތުން، އިލްމީ ލޮލަކުން ދިވެހީންގެ އަސްލުތަކަށް ބެލުމާއި، އިލްމީ ގޮތުން ދިވެހީންގެ އަސްލުތައް ހޯދައި ވަޒަންކޮށް އިއާދަކުރުމުގެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ނަސީރު ވިދާޅުވީ، ދިވެހީން އެއްބަހަކުން ވާހަކަދެއްކުމާއި، ދިވެހީންގެ ތަޖުރިބާ އެއްގޮތްވުމާއި، ކެއިން ބުއިމުގައި ހުރި އެއްގޮތްވަންތަކަމާއި، ރަށްތައް އުފެދި އެތުރިފައި އޮތް ގޮތްފަދަ ހުރިހާ ކަމަކީ ދިވެހީންނާއި ދިވެހި ގައުމިއްޔަތުގެ ޚާއްސަ ސިފަތައް ކަމަށެވެ. އަދި ހަގީގަތުގައި ދިވެހީން ވަކިވަކި ވާންޖެހޭ، ބައިބައި ވާން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ދިވެހި ގައުމު އޮތް ގޮތަށް ބަލާއިރު، ދިވެހީން ފާއިތުވިތާނގައި ތިބި ގޮތާއި މިއަދު ތިބި ގޮތް ވަރަށް ގިނަ ގޮތްގޮތުން ތަފާތު ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ދިވެހީން އެއްބައެއްގެ ގޮތުގަ ތިބި ތިބުން، ދިވެހީން އެއް ރޫޙެއްގައި ދިވެހި ގައުމައިގެން ކުރިއަށްދިޔަ ދިއުން، ދިވެހީން އެއް ޖޯޝެއްގައި ރަށް ބިނާކުރަން، އަތޮޅު ބިނާ ކުރަން، އަދި ގައުމާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ކުރި ހިންމަތާއި މިންނަތުގެ ތަޖުރިބާ އެބަ ހުރި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު އެނގެނީ މިކަންކަމަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާފައިވާކަން ކަމަށާއި، ދިވެހީންގެ ގައުމީ ބިންގާ އަލުން އިއާދަކޮށް އާރާސްތު ކުރަން ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު. އެމަނިކުފާނުގެ ޒައާމަތުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވާ އެއްކަމެއްގެ ގޮތުގައި ހިމެނެނީ ދިވެހީން އަލުން ދިވެހީންގެ ގޮތުގައި އިއާދަކުރެއްވުން،" އާދަމް ނަސީރު ވިދާޅުވިއެވެ.

އެކަމަށް ޓަކައި، ދިވެހީން ޒަމާނުއްސުރެ މިނިވަންކަންމަތީ ތިބުމުގެ ސިއްރުތައް އަލުން ހޯދައި، އަލުން ދިވެހީންގެ ވިސްނުމުގެ ތެރެއަށް ގެނެސްދެއްވަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ތާރީހާއި ގައުމީ ދުވަހުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ވަޒީރު ވިދާޅުވީ ގައުމީ ދުވަސް ހަނދާންކޮށްދެނީ އެއްބައިވަންތަވުމަށާއި އެއްދީނެއްގައި ދެމިތިބުމަށް ކަމަށެވެ.

އަދި އެދުވަސް ހަނދާންކޮށްދެނީ ދިވެހީންނަކީ ކަނޑުގެ ދަރީންކަން ކަމަށާއި، ދިވެހީންގެ ރައްކާތެރިކަން ކަނޑާ ގުޅިފައި އޮތްކަން އެދުވަސް ބުނެދޭ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

އެހެންކަމުން ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ވެސް ރަށްތަކުގެ ވަށައިގެން އޮތް ކަނޑަށް ދިވެހީން ފަރިތަވެ ހޭލުންތެރިވާން ޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރިއަށްދާ ރައީސްގެ ޚާއްސަ ގައުމިއްޔަތު މަޝްރޫއުގެ ތެރެއިން ދިވެހީންނަށް ދިވެހީންގެ ރައްކާތެރިކަމާ ބެހޭ ވަރަށް ބޮޑު ހޭލުންތެރިކަމެއް އަންނާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް