ބްރިކްސް މެދުވެރިކޮށް ހުޅަނގުގެ މަޖުބޫރުކުރުންތަކުން ސަލާމަތްވެވޭނެ: މެލޭޝިއާގެ ބޮޑުވަޒީރު

އަންވަރު "އީސްޓާން އިކޮނޮމިމް ފޯރަމް" ގައި ވާހަކަ ދައްކަވަނީ

ލަދިވޮސްޓޮކް (7 ސެޕްޓެމްބަރު 2024): ބްރިކްސް ޖަމާއަތަކީ ހުޅަނގުގެ މުއްސަނދި ސިނާއީ ގައުމުތަކުގެ އިގުތިސާދީ ޑިކްޓޭޝަންތަކާއި މަޖުބޫރުކުރުންތަކުން ސަލާމަތްވުމަށް ދެކުނުގެ ގައުމުތަކަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ލަދިވޮސްޓޮކްގައި ކުރިޔަށްދާ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ އިގުތިސާދީ މަހާސިންތާ "އީސްޓާން އިކޮނޮމިމް ފޯރަމް"ގެ ނުވަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ ގްލޯބަލް ސައުތުގެ ގައުމުތަކުގެ މެދުގައި އިގުތިސާދީ އެއްބާރުލުން ހަރުދަނާ ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ބްރިކްސް ކަމުގައެވެ.

ދެކުނުގެ ގައުމުތަކުގައި އިގުތިސާދީ ގުޅުންތައް ހަރުދަނާ ކުރެވިއްޖެނަމަ ހުޅަނގުގެ މުއްސަނދި ސިނާއީ ގައުމުތަކުގެ އިގުތިސާދީ ޑިކްޓޭޝަންތަކާއި މަޖުބޫރުކުރުންތަކަށް ދީލާލަން މިހާރު ކުރިމަތިވަމުން އަންނަ ފިއްތުންތަކުން މިގައުމުތައް ސަލާމަތް ވެގެންދާނެކަމަށް އަންވަރު ވިދާޅުވިއެވެ.

ހުޅަނގުގެ މުއްސަނދި ސިނާއީ ގައުމުތަކުގެ ގޮތުގައި ބެލެވެނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކެވެ. މިއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ވެސް އަތްގަދަކޮށް ހުޅަނގުގެ އިގުތިސާދީ މޮނޮޕޮލީ ދުނިޔޭގައި ވަރުގަދަކުރަން މަސައްކަތްކުރާ ގައުމުތަކެވެ.

ކުރިން ތިންވަނަ ދުނިޔޭގެ ގައުމަކަށް ލޯނެއް ލިބޭނީވެސް ވޯލްޑް ބޭންކާއި "އައިއެމްއެފް" އިން އެކަންޏެވެ. އެތަންތަނުން ލޯނު ލިބޭނީ އެތަންތަނަށް އަތްގަދަކޮށްފައިވާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ހަރުކަށި ޝަރުތުތަކާއި އިގުތިސާދީ ޑިކްޓޭޝަންތަކާ އަދި ސިޔާސީ މަޖުބޫރު ކުރުންތަކަށް ބޯލަނބައިގެންނެވެ.

އަންވަރު ރަޝިއާގެ ރައީސް ޕޫޓިން އާއެކު "އީސްޓާން އިކޮނޮމިމް ފޯރަމް" ގައި

މިވަރުންވެސް ވަރަށް ކުޑަމިންވަރެއްގެ ލޯނެއް ނޫނީ ނުލިބޭނެއެވެ. ބޮޑެތި ވަރުގަދަ އިންފްރާސްޓްރަކްޗަރ ބިނާކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ލޯނެއް ނުލިބޭނެއެވެ.

ތިންވަނަ ދުނިޔޭގެ ގައުމުތައް ދެކޭގޮތުގައި ވޯލްޑް ބޭންކާއި "އައިއެމްއެފް"ގެ ކޮންޓްރޯލް ނަގައިގެން އެމެރިކާއާއި ޔޫރަޕްގެ ހަގީގީ ބޭނުމަކީ ދުނިޔޭގެ ދެކުނުގެ ގައުމުތައް ހުޅަނގުގެ އިގުތިސާދީ އަޅުވެތިކަމާއި ސިޔާސީ ޑިކްޓޭޓް ކުރުންތަކުގެ ދަށުގައި ބޭތިއްބުމެވެ.

ނަމަވެސް ދެކުނުގެ ގައުމެއްކަމަށްވާ ހުޅަނގަށް ގޮންޖަހާލެވޭފަދަ ބޮޑު އިގުތިސާދީ ބާރެއްގެ ގޮތުގައި ޗައިނާ ފާޅުވެ ޗައިނާގެ އެގްޒިމް ބޭންކުން ވަރަށް ލުއި ޝަރުތުތަކާއެކު އިގުތިސާދީ ޑިކްޓޭޝަންތަކާއި ސިޔާސީ މަޖުބޫރުކުރުންތަކާނުލައި ދެކުނުގެ ގައުމުތަކަށް ލޯންތައް ދޭންފެށިއެވެ.

ޗައިނާއާއި ރަޝިއާ، އިންޑިއާ، ދެކުނު އެފްރިކާއާއި ބްރަޒީލްފަދަ ގައުމުތައް އިސްވެ އޮވެ އުފެއްދި ބްރިކްސް ބޭންކާއި އަދި ޗައިނާ އުފެއްދި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުންވެސް ފިއްތުންތަކުން އެއްކިބާވެ ދެކުނުގެ ގައުމުތަކަށް ފަސޭހައިން ލޯނުތައް ދޭންފެށުމުން ދެކުނުގެ ގައުމުތަކުގެ ހާލަތު ރަނގަޅުވެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް މަގުފަހިވިކަން އަންވަރު ފާހަގަ ކުރެއްވިއެވެ.

މިކަމުގެ ސަބަބުން މުއްސަނދި ހުޅަނގުގެ އިގުތިސާދީ މޮނޮޕޮލީއާއި އިގުތިސާދީ ޑިކްޓޭޝަންތަކާއި މަޖުބޫރު ކުރުންތަކުން ދެކުނުގެ ގައުމުތަށް ވަރަށް ބޮޑަށް ސަލާމަތްވެގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު ގައުމުތަކުން ވޯލްޑް ބޭންކްގެ ލޯންތަކާ ދިމާއަށްދަނީ ވަރަށް މަދުންނެވެ. ނަމަވެސް ބަޖެޓްގެ ދަތިކަން ފިލުވާލުމުގެ ލޯންތައް ޗައިނާއާއި ބްރިކްސް ބޭންކުން އަދިވެސް ތައާރަފު ނުކުރާތީ ދަރަނީގެ ސަބަބުން އިގުތިސާދު ބަނގުރޫޓްވާ ހިސާބަށްދާ ވަރަށް މަދު ގައުމުތަކުން ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި އަދިވެސް "އައިއެމްއެފް"ގެ ލޯނަށް އެދެމުން ދެއެވެ.

ދާދިފަހުން ސްރީލަންކާއާއި ޕާކިސްތާންވަނީ "އައިއެމްއެފް"ގެ ހަރުކަށި ޝަރުތުތައް ގަބޫލުކުރަން މަޖްބޫރުވާ ހިސާބަށް އިގުތިސާދީ ހާލަތު ދިޔުމުން ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް "އައިއެމްއެފް"ގެ ލޯނަކަށް ގޮސްފައެވެ.

ބްރިކްސްގެ އިތުރުން ޗައިނާ، އިންޑިއާ އަދި ރަޝިއާގެ އެގްޒިމް ބޭންކްތަކުންވެސްވަނީ ލުއި ޝަރުތުތަކަކާއެކު އުމްރާނީ ތަރައްގީގެ ބޮޑެތި ލޯނުތައް ދުނިޔޭގެ ދެކުނުގެ ގައުމުތަކަށް ދޭން ފަށާފައެވެ. ޗައިނާއާއި ރަޝިއާ އިންޑިއާ ފަރުދީގޮތުންނާއި ބްރިކްސްގެ ތެރެއިން ކުރި މި މަސައްކަތްތަކުގެ ސަބަބުން ވޯލްޑް ބޭންކާއި "އައިއެމްއެފް"އާ ނުލައި ދުނިޔޭގެ ގައުމުތަކަށްވަނީ ބޮޑެތި ލޯނުތައް ލިބި އިގުތިސާދީ އަދި އުމްރާނީ ތަރައްގީ ހާސިލްކުރެވޭނެ މަގުތައް ފަހިވެފައެވެ.

މިއާއެކު ދުނިޔޭގެ ދެކުނުގެ ގައުމުތަކުގެ ތަރައްގީގެ ސްޕީޑްވެސްވަނީ ވަރަށް ބޮޑަށް ހަލުއިވެފައެވެ.

ދުނިޔޭގެ ދެކުނުގެ ގައުމުތައް ތަރައްގީ ވިޔަނުދީ އަބަދު ހުޅަނގަށް އާދޭސްކުރާ ހާލަތުގައި އެގައުމުތައް ބޭތިއްބުމަކީ ހުޅަނގުގުން ގެންގުޅޭ އިއުލާނު ނުކުރާ ފޮރުވިފައިވާ އެޖެންޑާއެއްކަމަށް ދެކުނުގެ ގައުމުތަކުން މާކުރީއްސުރެ ދެކެއެވެ.

ރަޝިއާގެ ލަދިވޮސްޓޮކްގައި ހިނގަމުންދާ އީސްޓާން އިކޮނޮމިކް ފޯރަމްގައި ދުނިޔޭގެ ދެކުނުގެ އެތައް ގައުމެއްގެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނައެވެ. މިފޯރަމްގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި އަންވަރު ވިދާޅުވީ އެމެރިކާ ޑޮލަރުގެ ފިއްތުންތަކުން ސަލާމަތްވާނެ މަގެއްވެސް ދެކުނުގެ ގައުމުތަކުން ހޯދަންޖެހޭ ކަމަށާއި މިކަންވެސް ގުޅިފައިވަނީ ބްރިކްސް އާ ކަމުގައެވެ.

އިގުތިސާދީ ޖަމާއަތެއްގެ ގޮތުގައި ބްރިކްސް ފާޅުވެ ގިނަ ގައުމުތަކެއް އެޖަމާއަތުގައި ބައިވެރިވުމުން ދުނިޔޭގެ އިގުތިސާދީ ބާރުތަކާއި ނުފޫޒުތައް ހަމައެކަނި އެމެިރކާއާއި ޔޫރަޕްގައި އޮތުމުގެ ބަދަލުގައި އެބާރުތައް ބެހިގެންގޮސް ހުޅަނގަށް ލިބިފައިވާ ދުނިޔޭގެ އިގުތިސާދީ މޮނޮޕޮލީގެ ބޮޑުބައެއް މިހާރުވެސް ގެއްލިގެން ހިނގައްޖެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ދުނިޔޭގެ ގައުމުތައް ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ ދެކުނުގެ ގައުމުތަކުގެ މެދުގައި އަމިއްލަ ފައިސާއެއް ބޭނުންކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭ ހިސާބަށްވެސް ދާނެކަމަށާއި އެހިސާބަށް ދިޔުމުން ޑޮލަރުގެ މާލީ ނިޒާމު މެދުވެރިކޮށް ހުޅަނގުން އެހެން ގައުމުތަކަށް ދައްކާ ބިރުތައް ފިލައިގެންދާނެކަމަށާއި ދެކުނަށް އިގުތިސާދީ މިނިވަންކަން ފުރިހަމައަށް ލިބޭނީ އެހިސާބުންކަމަށް އަންވަރު ވިދާޅުވިއެވެ. މެލޭޝިއާވަނީ ބްރިކްސްގައި ބައިވެރިވުމަށް އެދި ހުށަހަޅާފައެވެ.

ރަޝިއާގެ ލަދިވޮސްޓޮކްގައި ކުރިޔަށްދާ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ އިގުތިސާދީ މަހާސިންތާ "އީސްޓާން އިކޮނޮމިމް ފޯރަމް" ގެ ނުވަ ވަނަ ބައްދަލުވުމުގައި 40 ގައުމެއްގެ އިސްވެރިން ބައިވެެރިވެ ވަަޑައިގަންނަވައެވެ. މީގެތެރޭގައި އެގައުމުތަކުގެ އެންމެ އިސްވެރިންނާއި ދެވަނަ ދަރަޖައިގެ އިސްވެރިންނާއި ތިންވަނަ ދަރަޖައިގެ އިސްވެރިން ހިމެނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް