މަރާލާނެ ކަމުގެ އިންޒާރުދީ، ފޭރުނު ދެމީހުން 15 ދުވަހަށް ބަންދަށް

އިލެކްޓްރޯނިކް ސާމާނުތަކެއް ފޭރުމުން ހައްޔަރުކުރި ދެ ފިރިހެނުންގެ ވަނަވަރު: ދެމީހުންގެ ބަންދަށް ވަނީ ފަނަރަ ދުވަސް ޖަހާފައި -- ފޮޓޯ/ ފުލުހުން

މާފަންނުގެ ގެއެއްގައި އިއްޔެ ބަޔަކު ނިދާފައި ތިއްބާ އެގެއަށް ވަދެ، މަރާލާނެ ކަމުގެ އިންޒާރާއެކު ކަރަންޓު ސާމާނުތަކެެއް ފޭރުނު ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އަދި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް (32އ)އެވެ.

އެ މައްސަލާގައި މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެދެމީހުން ފާޚަނާ ފެންލައިޓުން ވަދެ، ކޮޓަރީގައި ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ، ބިރުދައްކާފައިވާ ކަމަށެވެ.

އެ ތަކެތި ފޭރުމަށް ފަހު އެ ދެ މީހުން ފިލައިގެން ގޮސްފައިވަނީ އަލުން ފާޚަނާއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމަށް ފަހު ފެންލައިޓުން ނުކުމެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި، ކޮޓަރީގައި ތިބި ދެ މީހުންގެ މޮބައިލް ފޯނާއި، ލެޕްޓޮޕެއްގެ އިތުރުން އެހެނިހެން ތަކެތި ފޭރުނުކަމަށާއި އެތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ފުލުހުން ވަނީ އެދެމީހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެގޮތުން، އެދެމީހުނަށް ބަންދުގެ މުއްދަތު ޖަހަން ކޯޓުން ދެމީހުނަށް ވަކިވަކިން ނެރުނު އަމުރުގައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ ފޭރުމުގެ ތުހުމަތުކޮށްފައެވެ.

https://sun.mv/196400

މީގެއިތުރުން، އެ ދެމީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން ގެންދަނީ އެ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކުގެ ވަނަވަރު ހާމަކުރަމުންނެވެ.

comment ކޮމެންޓް