ރާއްޖޭގައި ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ފަށައިފިއެވެ.
އެ ސާވޭގެ މަސައްކަތް ފަށާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނާއި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން ގުޅިގެންނެވެ.
މި ސާވޭއާ ގުޅިގެން ބްރޯޑްކޮމްއިން ބުނީ، މި ސާވޭގެ މަގުސަދަކީ އެ ކޮމިޝަނުން އާންމުކޮށްފައިވާ 'ޗެނަލް ރޭޓިން ލިސްޓު އެކުލަވާލުމުގެ އުސޫލު'ގައި ބަޔާންކޮށްފައިވާ 'ޗެނަލް ރޭޓިން ލިސްޓު' އެކުލަވާލުމަށް މުހިންމު މައުލޫމާތުތައް އެއްކުރުން ކަމަށެވެ.
އެގޮތުން، މިސާވޭގެ ދަށުން ވިއުއަޝިޕާއި އޯޑިއަންސް ޝައުގުވެރިވާ ޗެނަލްތަކާއި ކޮންޓެންޓުތައް ދެނެގަނެވޭނެ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު މި ސާވޭ ފަށާފައިވާއިރު، 10 ހަފުތާއަށް ސާވޭ ކުރިއަށްދާނެއެވެ.
މި ސާވޭއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ސާވޭއެއް ކަމަށް ގަބޫލު ކުރެވޭކަމަށެވެ.
އެގޮތުން މި ސާވޭގެ ސަބަބުން ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތައް އެ ޕްރޮގްރާމްތަކުގެ ސްޓޭންޑަށް ބައްޓަން ކުރަންވީ ގޮތްފަދަ މުހިންމު ކަންކަން އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރެޑިއޯ އަޑުއަހަނީ ކިހާ މިންވަރެއްގެ މީހުންކަން އިނގުމުން ބްރޯޑްކާސްޓިންގައި ކުރާ މަސައްކަތުގައި އެ ޑޭޓާ ބޭނުންކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސާވޭގެ ތެރެއިން ނުކުންނާނީ ރައްޔިތުންގެ އަޑު. އެ އަޑު އިވުނީމައި އިނގޭނެ މިހާރުގެ ޓެލެވިޜަން އޯޑިއަންސް އަސްލު އޮތީ ކިހިނެތްކަން. ކޯއްޗެއްކަން ބަލާހިތްވަނީ، އަދި އެއީ ސިޔާސީވިޔަސް އިޖުތިމާއީ ޕްރޮގްރާމެއް ވިއަސް،" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސާވޭ ކުރާނީ ދާއިރާގައި ޕްރޮފެޝަނަލް ސާވޭ ގްރޫޕަކާއެކު ކަމަށެވެ. އެގޮތުން މިހާރު ވަނީ ސާވޭ ކުރާނެ ބަޔަކު އައުޓްސޯސްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސާވޭ ވާނީ ވަރަށް މިނިވަންކަމާއެކު ކުރެވޭ ސާވެއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.