ބީބީއެންޖޭ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ބީބީއެންޖޭ މުއާހަދާގައި ސޮއިކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީބީއެންޖޭ މުއާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

އިއްޔެ އ.ދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގައި އދ. ގެ ޢާންމު މަޖިލީހުން ވަނީ ޤާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ޤާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމާފައެވެ. އަދި އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ޤާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫޢު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި ޤާނޫނީ މަސްދަރު މުޢާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ.

މި އަހަރުގެ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ވަނީ އެ މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށް، ތަޞްދީޤުކުރުން މުހިންމު ކަމަށް ނިންމާފައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 29 ފެބްރުވަރީ 2024 ގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ. އަދި 13 މެއި 2024 ގައި މަޖިލީހުން އެކަމަށް ރުހުން ދިނެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްޢޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސޮއިކޮށްފައިވާ މުޢާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ އިޖުރާއަތު ޤާއިމުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް އެ މުޢާހަދާގައި ހިމެނިފައިވާ ކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުޢާހަދާގައި ބައިވެރިވުމުން ދިވެހި ރާއްޖެއަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން ސޮއިކޮށްފައިވެއެވެ. އަދި ޖުމްލަ އަށް ޤައުމަކުން ތަޞްދީޤުކޮށްފައިވެއެވެ. އަންނަ އަހަރުގެ ސެޕްޓެމް ބަރު މަހުގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރާތާ 120 ދުވަސް ފަހުންނެވެ.

comment ކޮމެންޓް