ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫ ގޭގެ އެންމެ އިސް ވެރިޔާގެ މަގާމަށް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ހަމަޖައްސައިފިއެވެ.
މަޖިލީސް ރައީސް އަބްދުއްރަހީމް, ރަސްމީ ގެކޮޅު މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ 25ވަނަ ދުވަހެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު މިއަދު 'ސަން'އަށް ވިދާޅުވީ، އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ.
އެކަމަކު، މަގާމުގެ މުސާރައާއި އިނާޔާތްތަކާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މުންޑޫ އާދަމް ހަލީމަކީ ނޫސްވެރިކަމަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމާއި ރަން ގަލަން ވެސް ހާސިލުކުރައްވައިފައެވެ.
ފުރަތަމަ އާފަތިސް ނޫހުން ނޫސްވެރިކަން ފެށުމަށް ފަހު މުންޑޫ އާދަމް ހަލީމް ވަނީ ހަވީރު ނޫހާއި ވީޓީވީ އަދި އަވަސް ނޫހުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އަދި ސަން އޮންލައިންގެ ޑެޕިއުޓީ މެނޭޖިން އެޑިޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.
އޭގެ ފަހުން އޭނާ މިހާރު ކުރައްވަނީ އަމިއްލަ އޮންލައިން ނޫހެއް ކަމަށްވާ 'ދަ މިރާ'ގެ މަސައްކަތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަ ނޫސްތައް ހައްދަވައިގެން އުޅުއްވާ އިތުރު ބޭފުޅުން ވެސް ސަރުކާރުގެ ބައެއް މަގާމުތަކުގައި އެބަތިއްބެވެ.
އެގޮތުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ މުހައްމަދު ޝަހީބަކީ ވެސް އަމިއްލަ ނޫހެއް ހިންގަވާ ބޭފުޅެކެވެ. އަދި، ދަ ޕްރެސް ނޫހުގެ އެޑިޓަރު އަލީ ޝައްމާނަށް ވެސް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައެވެ.