ކޮންޑުއިޓް ޕައިޕު އުފެއްދުމުން ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބޭނެ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ތަޖުރިބާގެ އަލީގައި އުފެއްދުންތެރިކަން ތަރައްގީކޮށް އޭގެ މަންފާ ދިވެހި މުޖުތަމައަށް ވެސް ފޯރުކޮށްދިނުން ކަމަށް -- ފޮޓޯ އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީީ (އެމްޑަބްލިއުއެސްސީ)ން ކަރަންޓު ވަޔަރު ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމުން އިމާރާތްކުރުމުގެ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީން ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓު މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރީންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓު ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

ކޮންޑުއިޓް ޕައިޕު މާކެޓަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ގުޅީފަޅުގައި 20215ވަނަ އަހަރު ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއިން ވަނީ ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު ކޮންޑުއިޓް ހޮޅި އުފައްދައި، ބާޒާރަށް ނެރެފައެވެ. މި ގޮތުން ކަރަންޓު ވަޔަރިންގެ އެކި މަސައްކަތުގެ ބޭނުމަށް އުފައްދާ ތަފާތު ފަސް ސައިޒުގެ ތެރޭގައި 16، 20، 25، 32 އަދި 40 މިލިމީޓަރުގެ އެކި ކުލައިގެ ހޮޅި ހިމެނެއެވެ. އެ ކުންފުނިން ހޮޅި އުފައްދާ ކާރުހަނާއަކީ އައިއެސް އޯ 9001އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާއެކެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރުގައި ވިއްކަން ފެށުމުން، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ހާޑުވެއާ ފިހާރަތަކަށް އެ ކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަން އެމްޑަބްލިއުއެސްސީން ފާހަގަ ކުރެއެވެ. މި ގޮތުން ރާއްޖެއިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިގްތިސާދަށް މި ކަމުގެ ހެޔޮ އަސަރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އެ ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ ދިވެހި މުޖުތަމައަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް