ނުވަ ދުވަހަށްފަހު ސިންކުހޯލަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓައިލައިފި

ސިންކުހޯލަކަށް ވެއްޓުނު އަންހެން މީހާ ހޯދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ކުރަނީ. ފޮޓޯ/އޭޕީ

މެލޭޝިއާގައި ސިންކުހޯލަށް ވެއްޓުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް ނުވަ ދުވަހަށްފަހު ހުއްޓައިލައިފި ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ބޮޑު ވަޒީރުގެ އޮފީހުގެ މިނިސްޓަރު ޒަލީހާ މުސްތަފާއާ ހަވާލާދީ މެލޭޝިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ނިންމާލާފައި ވަނީ އޭނާ މަރުވީކަމަށް ނިންމުމަށްފަހުއެވެ.

މީގެ އިތުރުން، ސިންކުހޯލަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލަން ނިންމީ ސަލާމަތީ ފަރާތްތަކުން ސަލާމަތާއި ސިއްޚަތާމެދު ކަންބޮޑުވުމާއި އެނޫންވެސް އެހެން ސަބަބުތަކާހުރެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިޖާޔާ ލަކްޝްމީ ގާލީ ސިންކުހޯލަށް ވެއްޓުނީ މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ހެނދުނެވެ.

ސަވައިލެންސް ފޫޓޭޖުން ފެންނަ ގޮތުގައި އެ އަންހެންމީހާ ވެއްޓުނީ ދުވާރު މަތިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް އުފެދުނު އަށް މީޓަރުގެ ވަޅުގަނޑަކަށެވެ. މިހާތަނަށް ހޯދި ހޯދުމުން ފެނިފައިވަނީ އޭނާގެ ފައިވާނެވެ.

މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރޯޔަލް މެލޭޝިއަން ޕޮލިސް، ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓް އަދި ސިވިލް ޑިފެންސް ފޯސް ފަދަ ފަރާތްތައް ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި، އެމީހާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.

އެމީހާ ހޯދުމަށް ތަފާތު ވަސީލަތްތަކާއި އުކުޅުތައް ބޭނުންކުރިއިރު، ސިޓީގެ ނަރުދަމާ ލައިން ބަލައިފާސްކުރުމަށް ޑައިވަރުން ފޮނުވުމާއި، ހުރަސްތައް ނައްތާލުމަށް ހައި ޕްރެޝަރުގައި ފެން ބޭނުންކުރުމާއި، ނުދެވޭ ދުރު ހިސާބުތައް ކެމެރާ ބޭނުންކޮށްގެން ބެލުން، އަދި ރާޑަރުވެސް ބޭނުންކޮށްފައިވާ ކަމަށް ކުއަލަލަމްޕޫރުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ގެއްލުނު މީހާ އަކީ އާއިލާއާ އެކު މެލޭޝިއާއަށް ޗުއްޓީއަކަށް ގޮސް އުޅުނު މީހެކެވެ. އެ މީހުން ދެ މަހެއްހާ ދުވަހު މެލޭޝިއާގައި ތިބުމަށް ފަހު ތައްޔާރުވަމުން ދިޔައީ އެނބުރި ގައުމަށް ދިއުމަށެވެ.

comment ކޮމެންޓް