ފިނިފެންމާ ގޮވުމަކީ ޑްރާމާއެއް ނަމަ، ސްކްރިޕްޓް ލިޔެފައި ތި އޮތީ އަބްދުއްރަޙީމް: ޔާމީން

ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނެވިއިރު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވައިލުމަކީ އެ މަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވާ ނަމަ، ސްކްރިޕްޓް ލިޔުއްވާފައިވަނީ އަބްދުއްރަޙީމް ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، މިރޭ އެ މަނިކުފާނުގެ ޕާޓީ ޕީއެންއެފުން ބޭއްވި ޖަލްސާގައި އެ ކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ފިނިފެންމާ ލޯންޗު ގޮއްވައިލުމުގެ ހާދިސާއާ ގުޅޭގޮތުން މިހާރު އަބްދުއްރަހީމް ދައްކަވާ ވާހަކަތަކަކީ މީގެކުރިން ދެއްކެވި ވާހަކަތަކާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އެހެންވީމާ ފިނިފެންމާ ގޮވުމަކީ ޑުރާމާއަކަށް ވާނަމަ، އޭގެ ސްކްރިޕްޓް ލިޔުއްވާފައިވަނީ އަބްދުއްރަޙީމް ކަމަށް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ، އެ ކަމުގެ ސީރިއަސްކަން ވިދާޅުވެދެއްވަން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިންނެވެ.

"ފިނިފެންމާ ލޯންޗު ގޮއްވައިލި ގޮއްވައޮލުމަކީ ޑްރާމާއެއްތޯ ސުވާލުކޮށްފައި އޮތީމާ ހިތުގައި އުފެދޭ ޑްރާމާއެއްތޯ. އެހެންވީމާ އަޅުގަނޑަށް ހީވަނީ އޭގެ ސްކްރިޕްޓް ލިޔެދީފައި މި ވަނީ އަބްދުއްރަހީމޭ އިނގޭތޯ. އެ ޑްރާމާގެ ސްކްރިޕްޓް ލިޔެދީފައި އޮތީ އަބްދުއްރަހީމް،" މަޒާޖީ ރާގެއްގައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަަކީ ނާތަހުޒީބު އަމަލެކެވެ. އަދި، އެއީ އެއިރު އެ މައްސަލަ ބެލި ބޭފުޅުން ވެސް ޖަވާބުދާރީ ވާން ޖެހޭ ފަދަ ކަމެކެވެ.

އެގޮތުން، ފިނިފެންމާ ގޮއްވާލުމުގެ ތަހުގީގުގައި އިސްކޮށް އުޅުއްވި މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް އެ ކަމުގައި އަބްދުއްރަޙީމް ވިދާޅުވާ ވާހަކައިގައި ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.

ޔާމީން ވަނީ ފިނިފެންމާ ގޮވުމާ ގުޅިގެން އޭރު ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބު ވެސް މި ފަހުން 'ޑްރާމާ'އެއް ކުޅުއްވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފިނިފެންމާ ގޮވީއިރު ލޯންޗުން އަލިފާން ނުފެންނަ ކަމަށް، ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒް ލައްވައި މި ފަހުން ވިދާޅުވީ އަދީބު ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

"މިއީ އަދީބު ކުޅުވި ޑްރާމާ ނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި މައްސަލައިގެ އަސްލަކީ ތަހުގީގުތަކުން ފެންނަން އޮތް ކަމެއް ކަމަށެވެ.

https://sun.mv/196043

މި މައްސަލައާ ގުޅޭގޮތުން އަބްދުއްރަޙީމް ވިދާޅުވީ އޭރު އެ މަނިކުފާނަކީ ސަރުކާރުގައި ހުންނެވި މީހެއް ނޫން ކަމަށާއި، އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ.

އެހެންކަމުން އޭރު ޔާމީން ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މައްޗަށް އިތުބާރު ކޮށްގެން މަޖިލިސް މެންބަރުން ތިއްބެވީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މިއަދު ރައީސް ޔާމީން ކަންކުރައްވާ ގޮތާއި ދައްކަވަމުންދާ ވާހަކަފުޅުތަކުން އޭރުގައި ދެއްކެވި ވާހަކަފުޅުތަކާ މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ފިނިފެންމާ މައްސަލައިގައި ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ

comment ކޮމެންޓް