މަޝްހޫރު ދިވެހި ޝެފް މަހާ ނަސީރު، ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަށް ހަމަޖައްސައިފިއެވެ.
މި މުބާރާތުގައި 12 ގައުމެއްގެ ޝެފުންގެ އިތުރުން ތައިލެންޑްގެ ޝެފުންގެ ހަތަރު ޓީމެއް ބައިވެރިވެއެވެ.
އެގޮތުން، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.

ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގެ ފަނޑިޔާރުން ----
އިއްޔެ މި މުބާރާތް ތައިލެންޑުގައި ފަށާފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެއެވެ.
ޝެފް މަހާ ވަނީ މީގެ ކުރިން ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކޮށްފައެވެ.
މިހާރު މަހާ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ބޯޑް މެންބަރެއްގެ ގޮތުގައެވެ. އޭގެއިތުރުން، މަހާ ވަނީ ކަލިނަރީގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.
މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކަށްވާއިރު، ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކީ ވެސް އޭނާއެވެ.