މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026" ގައި ދިވެހި ޝެފް މަހާ ނަސީރަށް "ޓޮޕް އައުޓްސްޓޭންޑިން މާސްޓާ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ލިބިއްޖެއެވެ.
ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި މި މަހުގެ 22 ވަނަ ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި، ދުނިޔޭގެ މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބު އުސް ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މަހާ ވަނީ 2022 ވަނަ އަހަރު "މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް" އިން ދޭ "މާސްޓާ ޝެފް" ގެ ލަގަބު ވެސް ހާސިލުކޮށްފައެވެ. މީގެ އިތުރުން މަހާ އަކީ ބައިނަލްއަގްވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖްއެކެވެ.
ޝެޕް މަހާއަށް "ޓޮޕް އައުޓްސްޓޭންޑިން މާސްޓާ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން"ގެ އެވޯޑު ލިބިއްޖެ ---ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑަކީ، ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓްތަކާއި، ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ.
ޝެފް މަހާ ނަސީރު ހޯދި ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަގުބޫލުވެގެން ދިޔުމަށް މުހިންމު ފިޔަވަޅެކެވެ.