ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން އެޗްޑީސީން ހަތް ދުވަސް ދީފި

ތިލަފުށީ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހި ވަނީ ނިންމާލާފައި: ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިންގެ މަސައްކަތް އެޗްޑީސީއިން ކުރަމުން ދާތީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި--- ފޮޓޯ/ އެޗްޑީސީ

ކ. ތިލަފުށި ތަރައްގީ ކުރުމަށް ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިންގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރަމުން ދާތީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝާނުން އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ އުޅަނދުތައް މިއަދުން ފެށިގެން ސަރުކާރުގެ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނަގާފައި ނުވާނަމަ އެ ކޯޕަރޭޝަން ނެރެފައިވާ "ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލު ކުރުމުގެ އުސޫލު"ގެ ދަށުން އެ އުޅަނދަކާ މެދު އަމަލު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ކޯޕަރޭޝަނުން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަނުގެ ހޮޓްލައިން 1516އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެފައެވެ. އަދި ތިލަފުށި ހިއްކައި ތަރައްގީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ކަމަކަށް ވުމުން މިކަމުގައި އެއްބާރުލުން ދިނުމަށް އެކޯޕަރޭޝަނުން ވަނީ އެދިފައެވެ.

comment ކޮމެންޓް