އޮސްޓްރޭލިއާއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދޭ އެހެން ގައުމުތަކުގެ ކުދިންގެ އަދަދު މަދު ކުރަން ނިންމައިފިއެވެ.
އެގޮތުން 2025 ވަނަ އަހަރު އެ ގައުމުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދޭ ކުދިންގެ އަދަދު 270،000 އަށް މަދުކުރަން ވަނީ ރާވައިފައެވެ. އެގޮތަށް ހަމަޖައްސަން ނިންމީ އޮސްޓްރޭލިއާއަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަށް އެ ގައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އޮސްޓްރޭލިއާއަކީ ތައުލީމު ހާސިލުކުރުމަށް އެންމެ ގިނަ އަދަދަކަށް އެހެން ގައުމުތަކުގެ ކުދިން ތިބޭ ގައުމެވެ.
މަތީ ތައުލީމު ދޭ ކޮންމެ މުއައްސަސާއަކަށް ވެސް ވަކި އަދަދަކަށް ފުރުސަތު ދޭން ކަނޑައަޅައިފައިވާ ކަމަށް ސަރުކާރުން އަންގާރަ ދުވަހު އިއުލާން ކުރިއިރު، އެންމެ މަދުން ފުރުސަތު ލިބެނީ ވޮކޭޝަނަލް އެޑިއުކޭޝަން އަދި ޓްރެއިނިން ފޯރުކޮށްދޭ ފަރާތްތަކަށެވެ.
އެ ބަދަލާ ގުޅިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް އެ ކަމުގެ ސަބަބުން އެ ދާއިރާގެ ފެންވަރު ދެމެހެއްޓޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ތައުލީމާބެހޭ ވަޒީރު، ޖޭސަން ކްލޭއާ ވިދާޅުވިގޮތުގައި، ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ދަރިވަރުން ފޮނުވައިލަން ޖެހުމުން އެ ދުވަސްވަރު މަތީ ތައުލީމަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.
ނަމަވެސް މިހާރު، ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރާ އެހެން ގައުމުތަކުގެ ދަރިވަރުންގެ އަދަދު ކޮވިޑް-19ގެ ކުރިއާ އަޅައިބަލާއިރު 10 އިންސައްތަ އިތުރުވެފައިވާއިރު، އަމިއްލަ ވޮކޭޝަނަލް އަދި ޓްރެއިނިން ހަދާ ދަރިވަރުންގެ އަދަދު 50 އިންސައްތަ އިތުރުވެފައިވާކަން ކްލޭއާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ދާއިރާއިން ވިޔަފާރިކޮށް ފައިދާ ހޯދަން އުޅޭ މީހުން އިތުރުވެފައިވާ ކަމަށް ކްލޭއާ ވިދާޅުވިއެވެ.
ދަރިވަރުންނަށް ފުރުސަތު ދިނުމުގައި ބައެއް ޔުނިވާސިޓީތަކުން ދަށް ފެންވަރުގެ އުސޫލުތަކެއް ގެންގުޅޭ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން ބަސް ރަނގަޅަށް ނޭނގޭ ކުދިންނަށް ފުރުސަތު ދިނުމާއި، ފެންވަރު ދަށްކޮށް ކިޔަވައިދިނުމުގެ އިތުރުން ކިޔެވުމުގެ ބަދަލުގައި މަސައްކަތް ކުރުމުގެ މަގްސަދުގައި ދާ މީހުންނަށް ފުރުސަތު ދިނުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.
"މި އިސްލާހުތައް ފަރުމާކޮށްފައިވަނީ އެކަންކަން ރަނގަޅު އަދި އިންސާފުވެރި ގޮތަކަށް ކުރިއަށް ގެންދިއުމަށް. އަދި ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ބިންގަލެއްގައި ގާއިމް ކުރުމަށް،" ކްލެއާ ވިދާޅުވިއެވެ.
އަދި މި ހުރަސްތަކުގެ ސަބަބުން އޮސްޓްރޭލިއާގައި އޮތް ރެކޯޑް މައިގްރޭޝަން ލެވެލް ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ދަރިވަރުންގެ އަދަދު ގާތްގަނޑަކަށް 717،500 އަރާ ކަމަށް މި އަހަރު ކުރީކޮޅު އާންމުކުރި ސަރުކާރުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.