ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ އެއް ޓަވަރު ފިޔަވައި، އެހެން ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށްފިއެވެ.
ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު 18ގައެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ އެ މަޝްރޫއުގެ އަދާހަމަ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
މިގޮތުން، ހިޔާ ޓަވަރު 16 ފިޔަވައި އެހެނިހެން ހުރިހާ ޓަވަރުތަކެއްގައި އިތުރު ދެ ލިފްޓު ހަރުކޮށް ނިމި، ބޭނުންކުރަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، އަމާޒަކީ އެ ޓަވަރުގައި ވެސް ވީ އެންމެ އަވަހަކަށް ލިފްޓުތައް ހަރުކުރުންކަން އެޗްޑީސީން ހާމަކުރިއެވެ.

ބަޔަކު ހިޔާ ޓަވަރެއްގައި ހަރުކުރި އާ ލިފްޓު ބޭނުންކުރަނީ: މިހާރު އާ ލިފްޓު ހަރުނުކުރަނީ އެންމެ ޓަވަރެއްގައި --- ފޮޓޯ/ އެޗްޑީސީ
އަލަށް ހަރުކުރަނީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެއް ކަމަށްވާއިރު، 21 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ފަންސަވީސް ފަންގިފިލާގެ ހިޔާ ޓަވަރުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު، ލިފްޓު މަދުވުމުން އަރައި ފޭބުމުގައި ދަތިތައް ދިމާވާ ކަމަށް އެ ތަނުގައި އުޅޭ މީހުން ބުނެއެވެ. ބައެއް ދުވަސް ދުވަހު ލިފްޓަށް އަރަން ބޮޑެތި ކިޔޫތައް ވެސް އޮންނައިރު، އަލަށް ހަރުކުރި ލިފްޓުތަކާއެކު މި މައްސަލައަށް ކުޑަ ހައްލެއް ވަނީ އައިސްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.