ނުރައްކާތެރި ބައްޔެއް ކަމަށްވާ މަކުނު ވިދުރި ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި ބީހި، ގައިގޯޅިކޮށް އުޅުމާ އަޅައިބަލާއިރު، ބަލި ޖެހިފައިވާ މީހަކާ ވާހަކަ ދައްކާއިރު ބުރައިގެންދާ ކުޅުތިކިތަކަކީ އެ ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މަކުނު ވިދުރި މީހުންގެ މެދުގައި ފެތުރެނީ މައިގަނޑު ގޮތެއްގައި ވައިރަސް ޖެހިފައިވާ މީހަކާ ގާތްވެ، ބީހި ހެދުމުން ނުވަތަ "ކްލޯޒް ފިޒިކަލް ކޮންޓެކްޓް" ގެ ސަބަބުންނެވެ.
ކްލޯސް ކޮންޓެކްޓްގެ ތެރޭގައި ދެ މީހަކު ހުރަހަކާ ނުލައި ބީހުމާއި، ގައިގެ ހަމުގައި ބޮސް ދިނުމާއި ޖިންސީ ގުޅުން ފަދަ އަމަލުތައް ހިމެނޭ ކަމަށްވެސް ވެބްސައިޓްގައި ބުނެފައިވެއެވެ. މިފަދަ ކަންކަމުގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ "ފޭސް ޓު ފޭސް" ކޮށް ބައްދަލުވެ ވާހަކަ ދައްކައި އަދި ކައިރީގައި ތިބެ ނޭވާލުމުން ވެސް ބަލީގެ ވައިރަސް ފެތުރޭ ކަމަށް އެ ލިޔުމުގައިވެއެވެ.
ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ އެމްޕޮކްސް ޖެހި ގައިގައި ފޮޅުލުން ފަދަ ކަންކަން ވެފައި ހުރި މީހަކާ ސީދާ ދިމާވެ އަދި ކައިރީ ހުރެ ނޭވާލުން ފަދަ ކަންކަމުން ވައިރަސް ޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި އެކަމަކު އެއީ މި ބަލި ފެތުރޭ މައިގަނޑު ސަބަބެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި މި ބަލި ފެތުރޭ އެންމެ ބޮޑު ސަބަބެއް ގޮތުގައި ފެންނަނީ "ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން" ކަމަށް އޭނާ ވިދާޅުވިއެވެ.
ބަލި ޖެހިފައިވާ މީހުންނާއި އެ މީހުންނާ ކައިރީގައި އުޅޭ މީހުން މާސްކް އެޅުމަށް ޑަބްލިޔުއެޗްއޯއިން ލަފާދެއެވެ.
ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 14 ގައި އިއުލާނުކުރީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ކްލެޑް 1ބީ ގެ ކޭސްތައް އިތުރުވެ، ކައިރި ގައުމުތަކަށް ފެތުރެމުންދާތީއެވެ.
ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ ކޮންގޯގައެވެ. މިދިޔަ އަހަރުގެ ޖަނަވަރީގައި އެ ގައުމުގައި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ.
މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.