މުސްލިމުންގެ މުގައްދަސް އެއްބިނާ ކަމަށްވާ އަލްމަސްޖިދުލް އަޤްޞާ ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގުވިރް ބުނި ބުނުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަޤްޞާ މިސްކިތަކީ ތާރީޚީ، އަދި މުސްލިމުންނަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އެކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން އެތަނަށް ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމޭހިތުމަށް ގޮވާލައިފައެވެ.
މާތްވެގެންވާ އަލް އަޤްޞާ މިސްކިތުގެ ތެރޭގައި ފައްޅިއެއް އެޅުމަށް ގޮވާލާ އިޒްރޭލުގެ ވަޒީރަކު ދާދިފަހުން ދެއްކި ވާހަކަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ފޮރިން މިނިސްޓްރީގެ ބަޔާން
އަދި އިޒްރޭލު ސަރުކާރުގެ އިސް ވެރިން ދައްކާ އެފަދަ ވާހަކަތަކުގެ ސަބަބުން ޣައްޒާއަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ ސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
އަދި ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ހައްގު ހޯދުމަށް ގޮވާލުމުގައި ދެމިތިބޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އަޤްޞާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް ގުވިރް ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭރު އޭނާ ބުނީ އަޤްޞާ މިސްކިތުގައި އަޅުކަން ކުރުމުގެ ހުއްދަ އެމީހުންނަށްވެސް އޮންނަންވާނެ ކަމަށެވެ.
ޑިސެމްބަރު 2022ގައި މަގާމާ ހަވާލުވި ފަހުން ބެން ގްވިރް ވަނީ ގާތްގަނޑަކަށް ހަ ފަހަރު އެ މިސްކިތަށް ޒިޔާރަތްކޮށް، ހަމަނުޖެހުން ހިންގައިފައެވެ.
ޔަހޫދީންނާއި މުސްލިމު ނޫން އެހެން މީހުންނަށް އަޤްޞާ މިސްކިތަށް ވަކި ގަޑިތަކެއްގައި ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެ މީހުންނަށް އެ ތަނުގައި ދީނީ ކަންކަން ކުރުމުގެ ހުއްދައެއް ނޯވެއެވެ.