އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް އެއްބިނާ ކަމަށްވާ އަލްމަސްޖިދުލް އަޤްޞާ ހުރި ތަނުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގުވިރް ބުނެފިއެވެ.
އިޓަމާ އެހެން ބުނީ ހޯމަ ދުވަހު ސިފައިންގެ ރޭޑިއޯގައި ވާހަކަދައްކަމުންނެވެ.
"އަހަރެން ބޭނުން ކަމެއް ކުރެވޭނަމަ އެ ސަރަހައްދުގައި އިސްރާއީލުގެ ދިދައެއް ޖަހާނަން," އިންޓަވިއުގައި ބެން ގްވިރް ބުންޏެވެ.
އަދި އަޤްޞާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ އެމީހުންނަށްވެސް އޮންނަންވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އަރަބިންނަށް ބޭނުން ތަނެއްގައި ނަމާދު ކުރެވޭނެ، އެހެންވީމަ ޔަހޫދީންނަށް ވެސް ބޭނުން ތަނެއްގައި ނަމާދު ކުރެވޭނެ." އޭނާ ބުންޏެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދަމަހައްޓާފައިވާ ދިހަވަރަކަށް އަހަރު ދުވަހުގެ ސްޓޭޓަސް ކުއޯގެ ދަށުން ޔަހޫދީންނާއި މުސްލިމުން ނޫން އެހެން މީހުންނަށް އެ މިސްކިތަށް ވަކި ގަޑިތަކެއްގައި ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެ މީހުންނަށް އެ ތަނުގައި ނަމާދުކުރުމާއި ދީނީ ކަންކަން ކުރުމުގެ ހުއްދައެއް ނޯވެއެވެ.
ފާއިތުވި އަހަރުތަކުގައި އަޤްޞާ މިސްކިތަށް ވަނުމުގައި ހުރި ހުރަސްތަކަށް ބެން ގްވިރް ފަދަ ހަރުކަށި ދީނީ ވެރިން ވަނީ ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ.
ޑިސެމްބަރު 2022 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ބެން ގްވިރް ވަނީ ގާތްގަޑަކަށް ހަ ފަހަރު އެ މާތް މިސްކިތަށް ޒިޔާރަތްކޮށް، ހަމަނުޖެހުން ހިންގައިފައެވެ.
އަޤްޞާ މިސްކިތް ހިންގަނީ އުރުދުން އިން ނަމަވެސް މިސްކިތަށް ވަނުން ކޮންޓްރޯލް ކުރަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުންނެވެ.
ބެން ގްރީވް އެހެން ބުނުމުން، އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސޫފިއާން ޤުދާހު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަލް އަޤްޞާ އާއި މުސްލިމުންގެ އެހެން މުޤައްދަސް ތަންތަނަކީ ހަމައެކަނި މުސްލިމުން އަޅުކަން ކުރަން ހުރި ތަންތަން ކަމަށެވެ.
އަދި މުޤައްދަސް ތަންތަނަށް ދޭ ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އުރުދުން އިން އަޅާނެ ކަމަށާއި އެ ތަންތަނަށް ދޭ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުތަކުގައި ފިޔަވަޅު އެޅުމަށް ގާނޫނީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ޤުދާހު ވިދާޅުވިއެވެ.