9.86 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފި

ކޫރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމްސް

ކުރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމުލަ 9.86 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ކަސްޓަމުން ބުނީ މިތަކެތީގައި ޖުމުލައިގައި 11.62 ކިލޯގްރާމް ހުރިކަމަށެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މިމަހުގެ 14ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ކަސްޓަމުން ބުންޏެވެ. އަދި ފުރަތަމަ މަރުހަލާގައި މި ތަކެތި ތަޙުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައި ވާކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގަކީ 960,000.00 (ނުވަ ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެެވެ.

މީގެ އިތުރުން މިމަހުގެ 19ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ ތަކެތި ފެނިފައި ވާކަމަށާއި ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކެނެބިސްއަށް ޕޮޒިޓިވްވެފައި ވާކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ކޫރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމުން އަތުލައިގަތް 11.62 ކިލޯގެ މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމްސް

ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި
އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުރި ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

އަދި މިތަކެތީގެ މަގުމަތީ އަގަކީ 8.9 މިލިއަން (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިމައްސަލަތަކުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 11.62 ކިލޯގްރާމް ހުރި ކަމަށާއި މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައ،ި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައި ވާކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް