ޣައްޒާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމަކަށް

އިސްރާއީލުގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއް ކައިރިން ފަލަސްތީނުގެ މީހަކު ހިނގަނީ. ފޮޓީ/ރޮެއިޓާސް

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއެކު، ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހުގައި އިން މީހުން ހުސްކުރަން އެންގުމުން، އދ.ގެ އެހީފޯރުކޮށްދިނުމުގެ މަސައްކަތް ގާތްގަޑަކަށް ހުއްޓިއްޖެއެވެ. ދީރް އަލްބަލާހަކީ މައިގަނޑު ގޮތެއްގައި އދ.ގެ އެހީފޯރުކޮށްދެމުން ދިޔަ ސަރަހައްދެވެ.

އދ. ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އދ.ގެ އޮޕަރޭޝަންތަކުގައި ތިބި ގިނަ މުވައްޒަފުން ދީރު އަލް ބާލާހަށް ބަދަލުކޮށްފައި ވަނީ މީގެ އެތައް މަހެއް ކުރިން ޣައްޒާގެ ރަފަހު ސިޓީން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކުރުމާ ގުޅިގެންނެވެ.

އދ.ގެ އިންސާނީ އެހީތެރިކަމުގެ އިދާރާ (އޯސީއެޗްއޭ) އިން ބުނި ގޮތުގައި މީހުން ހުސްކުރަން އެންގުމުގެ ސަބަބުން އެ ސަރަހައްދުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރި 15 ތަނަކަށާއި، ހަތަރު ގުދަނށް އަދި އެ މަސައްކަތްތައް ކުރަމުން ދިޔަ މުވައްޒަފުންނަށް ވަނީ އަސަރުކޮށްފައެވެ.

އދ. އިން ޣައްޒާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާކަމަށް ބުނުމާ އެކު، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީން ފިޔަވަޅުތައް އެޅި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ.

ދީރް އަލް ބަލާހުން މީހުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހޯމަ އެންގީ އެ ސަރަހައްދުގައި އުޅޭ "ޓެރަރިސްޓުން" ނަށް އަމާޒުކޮށް، ހަމާސްގެ ބާކީ ހުރި "އިންފްރާސްޓްރަކްޗާ" ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެއެވެ.

އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 40،435 މީހުން ވަނީ ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް