ކަންގަނާގެ މިފަހަރުގެ ބަހުގެ ހަމަލާތަކެއް ބޮލީވުޑް ޚާނުންނަށް

ފިލްމީތަރި ކަންގަނާ ރަނައުތު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު އޭ ލިސްޓު އެކްޓަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ގިނައިން ލިބުނު ކަމަށާއި އެފަދަ ވަރަށް ގިނަ ފުރުސަތުތައް ދޫކޮށްލި ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީގެ ޝޯއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނެފައި ވަނީ ފުރުސަތު ލިބުނު ފިލްމުތަކުގެ އޭ ލިސްޓު ތަރިންނަކީ ސަލްމާން ޚާން، އާމިރު ޚާން، ޝާހްރުކް ޚާން އަދި ސައިފް އަލީ ޚާން ކަމަށެވެ.

ނަމަވެސް ޚާންއިން ހިމަނައިގެން އުފައްދާ ފިލްމުތަކުގެ ކޮންސެޕްޓެ އޭނާއަށް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށާއި ކަންގަނާއަކީ އަބަދުވެސް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބަތަލާއެއް ކަމަށެވެ.

ބޮލީވުޑްގެ ޚާންއިން ލީޑް ރޯލް ކުޅޭ ފިލްމުތަކުން ބައެއް ބަތަލާއިން ފުރުސަތު ލިބި އެކަމާ އުފާފާޅުކުރި ނަމަވެސް ކަންގަނާ ދެކޭގޮތުގައި ފިލްމަކުން ބެލުންތެރިންގެ ލޯބި ހޯދަން އެއްވެސް ފިރިހެން ތަރިއެއްގެ ހިޔާވަހިކަން ހޯދުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.

ފިލްމީތަރި ކަންގަނާ ސަލްމާން ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު އިންޑަސްޓްރީގައި ވަރަށް ހުނަރުހުރި ބަތަލާއިން އެބަތިބި ކަމަށާއި އެ ތަރިންގެ ހުނަރު ސިނަމާއަށް ދައްކަން ކޮންމެހެން ޚާންއެއް ނުވަތަ އޭ ލިސްޓު އެކްޓަރަކު ލީޑް ރޯލް ކުޅުމަށް ދޫކޮށްލުމަކީ އަންހެން ބަތަލާއިންނާ މެދު ކުރެވޭ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

އެހެންކަމުން ކަންގަނާ އަބަދުވެސް މަސައްކަތްކޮށްފައި ވާނީ އަމިއްލަ ހުނަރު އެއްވެސް މީހެއްގެ ހިޔަލުގައި ނެތި މިނިވަންކަމާ އެކު ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށާއި އެކަމުގައި ބަތަލާއަށް ކުރި ހޯދިއްޖެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން"، ރަންބީރު ކަޕޫރުގެ ފިލްމު "ސަންޖޫ" އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ރާމް ލީލާ"އިން ވެސް ކަންގަނާއަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރީ ސަބަބުތަކަކާ ހެދި ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

މިހާރު ވެސް ސަލްމާން ޚާން އާއި އާމިރު ޚާން ފަދަ ތަރިންނަކީ ބަތަލާގެ ވަރަށް ގާތް ރަހްމަތްތެރިން ކަމަށާއި ފިލްމު ހުށަހެޅުންތައް ގަބޫލުނުކުރި ނަމަވެސް އެއްވެސް ހިތްހަމަނުޖެހުމެއް އެ ތަރިންނާއެކު ނޯންނާނެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިހާރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ރިލިޒްކުރާ ފިލްމު "އިމަޖެންސީ"އިންނެވެ.

comment ކޮމެންޓް