މި އަހަރު ނިމެން ދެ މަހަށް ވީއިރު، އާސަންދަ ބަޖެޓުގައި ހުރި ފައިސާ 21.4 މިލިއަނަށް ވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ، ދައުލަތަށް ލިބުނު އާމްދަނީއާއި ކުރި ޚަރަދުތަކުގެ ތަފުސީލުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، އެގޮތުން، މި އަހަރަށް އާސަންދައަށް ކުރީ، 2.02 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން މި މަހުގެ 12 ވަނަ ދުވާހަ ހަމައަށް، ދެ ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެހެންކަމުން އާސަންދައަށް ކުރި ބަޖެޓުގެ 98 ޕަސެންޓު މި ވަނީ ހުސްވެފައެވެ.
އަހަރު ނިމެން ކުޑަތަންވެފައިވާއިރު، އެ ބަޖެޓު މިހާރު ބާކީ ހުރީ 21.4 މިލިއަނެވެ.
މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު، އާސަންދައަށް ކުރި ޚަރަދު ދަށެވެ. އެގޮތުން، އެ މުއްދަތުގައި އާސަންދަށް ހޭދަކުރީ، 1.8 ބިލިއަނެވެ. އެއީ، ގާތްގަނޑަކަށް 10 ޕަސެންޓު ދަށް އަދަދެކެވެ.
އާސަންދައަށް ކުރި ޚަރަދު މިދިޔަ އަހަރަށް ވުރެ އިތުރުވިއިރު، މެޑިކަލް ވެލްފެއާއަށް މިހާތަނަށް 241.6 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. އެއީ މި އަހަރަށް މެޑިކަލް ވެލްފެއާއަށް ޚަރަދުކުރުމަށް ކުރީ، 409 މިލިއަނުގެ ބަޖެޓުގެ 59 ޕަސެންޓެވެ.
މިދިޔަ އަހަރުގެ މިހާތަނަށް އެ ކަމަށް ހޭދަކުރީ، 271.8 މިލިއަނެވެ.
އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އިތުރު ނަމަވެސް، ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވެ ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހުމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޭސްތައް ލިބުން ދަތިވީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްތުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުން، ބައެއް މުހިންމު ބޭސް ސަޕްލައިކުރަމުން އައި އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސެންޓުން އެ ކުންފުނިތަކަށް ފައިދާ ޖެހޭ ގޮތަށް ކަމަށެެވެ.
ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.
އަހަރުން އަހަރަށް އާސަންދައަށް ކުރާ ހޭދަ އިތުރުވާއިރު، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ދޭން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒުކުރަން ރާވާފައި، ސަރުކާރުން ފަހުުން ނިންމުން ބަދަލުކުރީއެވެ.