ޕްރައިވެޓް އިންޝުއަރެންސެއް އޮތްނަމަ، އެއަށް އިސްކަންދޭގޮތަށް އަންނަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިން އަމަލުކުރަން ނިންމާފައިވާކަން މިއަދު އެ ކުންފުނިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމައީ ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސައިން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ ހެލްތު ސްކީމްތަކުން ނުވަތަ ޕްރައިވެޓް އިންޝުއަރެންސްތަކުން ކަނޑަނީ އާސަންދައިން ކެނޑުމަށްފަހު ކަމަށެވެ.
"މިއީ ވަރަށް ބުރަބޮޑުވެގެން ދާނެކަމެއް ކަންނޭނގެ ކުންފުންޏަށް އަސްލު. މިކަމާދޭތެރޭ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ،" މުސްތަފާ ވިދާޅުވިއެވެ.
އޭނާ އެއްސެވީ އެހެން ސްކީމްތަކުން ކެނޑުމަށްފަހު ބާކީ ފައިސާ އާސަންދައިން ކަނޑާގޮތަށް ހަމަޖެއްސުމުގެ ވިސްނުން ކުންފުނިން ގެންގުޅޭތޯއެވެ. އަދި އާސަންދަ ސްކީމުގައި ހުރިހާ ރައްޔިތުން ހިމަނަން ޖެހޭކަން އޭނާ ގަބޫލު ނުކުރައްވާކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މުސްތަފާ ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް އެލައިޑު އިންޝުއަރެންސުން ސިއްހީ ކަންކަމުގައި ފުލް ކަވަރޭޖް ދޭކަމުގައި ވީނަމަވެސް، އެލައިޑުގެ އިންޝުއަރެންސަށް ދަނީ އާސަންދައިން ކެނޑުމަށް ފަހުކަމެވެ.
"އެހެން ސްކީމެއް އޮންނަ ނަމަ، ސެކަންޑް އޮޕްޝަންއަކަށް އާސަންދަ އޮންނާނެ ގޮތަށް [ނިޒާމު ބަދަލުކުރުމުގެ] ވިސްނުން ފުޅެއް ގެންގުޅުއްވަންތޯ؟" މުސްތަފާ އެއްސެވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދަ ރިފޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޑަބަލް އިންޝުއަރެންސްގެ ހާލަތްތަކުގައި، ޕްރައިވެޓް އިންޝުއަރެންސްތަކަށް އިސްކަންދޭގޮތަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދާކަމަށެވެ.
"އަޅުގަނޑުމެންނަށް އެބައޮތް ފިނޭންސުން އިރުޝާދުތައް ދީފައި، އާސަންދަ ސްކީމުން ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހެއް ވެއްޖެއްޔާ އެމީހެއްގެ އަތުން ކަނޑާފަ ކަމަށް،" ޒީނިޔާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެންސްޕާގެ އެމްޑީ ހީނާ ވަލީދު ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފަށަން ނިންމާފައިވާ ގަވާއިދުތަކެއް އެބަހުރި ކަމަށެވެ.
އޭގެތެރޭގައި، ޕްރައިވެޓް އިންޝުއަރެންސެއް ގެންގުޅޭ ފަރާތެއްނަމަ، އާސަންދައިގެ ބަދަލުގައި ފުރަތަމަ އެ އިންޝުއަރެންސުން ކެނޑުން ހިމެނޭކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.
ޑަބަލް އިންޝުއަރެންސަށް ގެންނަ މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުންކަން އާސަންދައިން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކަންކަމުގެ ޑްރާފްޓެއް ވަރަށް އަވަހަށް އެކުލަވާލައި، ކެބިނެޓަށް ހުށަހަޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.