ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފްރެންޗައިސް "ރޭސް"ގެ ހަތަރު ވަނަ ބަޔަށް ސިދާތު މަލްހޯތްރާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ރޭސް4" އެއީ އެކްޓަރު ސައިފް އަލީ ޚާން މި ސިލްސިލާގެ ފިލްމުތަކަށް އެނބުރި އަންނާނެ ފިލްމެކެވެ.
ސައިފްއާ އެކު ސިދާތު މަލްހޯތްރާ ފިލްމުން ފެންނާނެއިރު ފިލްމުގައި މަސައްކަތް ކުރުމަށް ސިދާތު ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް އެކުލަވާލެވުމާ އެކު އަންނަ އަހަރުގެ މެދުތެރޭ ފިލްމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު "ރޭސް 4"ގެ ވެސް ވަރަށް ބޮޑު ބައެއް ޝޫޓްކުރަން ނިންމާފައި ވަނީ ބޭރު ޤައުމުތަކުގައެވެ.
މިހާތަނަށް ރިލީޒްކުރެވުނު "ރޭސް"ގެ ފިލްމުތަކުން ފެނިފައިވާ މުހިއްމު ތަރިންގެތެރޭ އަކްޝަޔޭ ކަންނާ، ބޮބީ ޑިއޯލް، ޖޯން އަބްރަހަމް، އަނިލް ކަޕޫރު، ސަލްމާން ޚާން، ދީޕިކާ ޕަދުކޯން، ޖެކްލީން ފެނާންޑެޒް، ބިޕާޝާ ބާސޫ އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.

ސައިފް އަލީ ޚާން އަދި ބަތަލާ ޖެކްލީ ފިލްމު
ރޭސް"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
ސަލްމާން ޚާންގެ ފިލްމު ކުންފުނިން ގެނެސްދިން "ރޭސް3"އަށް އާއްމުންގެ ފާޑުކިޔުން ރައްދުވިއިރު މި ފިލްމަށް ބޮކްސް އޮފީހުގައި ވެސް މާބޮޑު ތަރުހީބެއް ލިބިފައެއް ނެތެވެ.
އެހެންވެ ފިލްމުގެ ހަތަރު ވަނަ ބައި ގެނެސްދޭން ނިންމާފައި ވަނީ ކުރީގެ ތަޖުރިބާތަކަށް ބެލުމަށްފަހު ވަރަށް ތަފާތުކޮށެވެ.
ފިލްމީ ޚަބަރުތަކުން ބުނާގޮތުން "ރޭސް4"ގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ މި މަހު ރިލީޒްކުރި ވަރުގަދަ އެކްޝަން ފިލްމު "ވެދާ"ގެ ޑައިރެކްޓަރު ނިކިލް އަދުވާނީއެވެ.