ޖަރުމަނު ބުންޑެސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި އެއިންޓްރެކްޓް ފްރޭންކްފާޓް ބައްދަލުކުރި މެޗު ޑޯޓްމުންޑް ކާމިޔާބު ކޮށްފިއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑް އިންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑަށް ފްރޭންކްފާޓްގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މިމެޗުގައި ޑޯޓްމުންޑްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބު ކުރެވިފައިވަނީ މެޗުގެ 72 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖެމީ ބައިނޯ ގިޓެންސްއެވެ. އަދި އެޓީމުން މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކުރި ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ބައިނޯ ގިޓެންސްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އާރުބީ ލެއިޕްޒިގް އާއި ވީއެފްއެލް ބޯކަމް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުންލަނޑުން ކާމިޔާބު ކުރީ ލެއިޕްޒިގްއެވެ. މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ނޫސާއެވެ. ހޯފެންހެއިމް އާއި ހޯލްސްޓެއިން ކޭލް ބައްދަލުކުރި މެޗު ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކުރީ ހޯފެންހައިމްއެވެ.
މިމެޗުގައި ހޯފެންހައިމް އިން ކާމިޔާބު ކުރި ތިން ލަނޑު އެޓީމަށް ޖަހާދިނީ އަންޑްރެއި ކްރަމަރިޗްއެވެ. އަދި ހޯލްސްޓެއިންއިން ކާމިޔާބު ކުރި ދެ ލަނޑު އެޓީމަށް ޖަހައިދިނީ އެލެގްޒެންޑާ ބާންހާޑްސަން އާއި ޝޫޓޯ މަޗީނޯއެވެ.
މީގެއިތުރުން އެސްސީ ފްރެއިބާގް އާއި ވިއެފްބީ ސުޓުޓްގާޓް ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ފްރެއިބާގް ކާމިޔާބު ކުރިއިރު މައިންޒް އާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ވީ އެއްވަރެވެ. އަދި އައުގްސްބާގް އާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.