އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި އެވަޓަން ބައްދަލުކުރި މެޗު ސްޕާސްއިން ކާމިޔާބު ކޮށްފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުންނެވެ.
ސްޕާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗު އެޓީމުން ފެށީ ވަރަށް ފޯރިއާއެކުއެވެ. އަދި އެޓީމުން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އެވަޓަންގެ ގޯލަށް އަމާޒު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 14 ވަނަ މިނެޓުގައި ސްޕާސްއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސްޕާސް ކުޅުނު ފުރަތަމަ މެޗުގައި އަހްލާގީ މައްސަލަ އަކާއި ގުޅިގެން ޓީމުން ބާކީ ކުރި އީވްޒް ބިސޯމާއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފަޑްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްޕާސްގެ ކެޕްޓަން ސޮން ހެއުން މިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ރޮމޭރޯއެވެ. އަދި ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ، ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ސޮން އެވެ.
މިމެޗުގައި އެވަޓަންއަށް މާރަނޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ޖެހިޖެހިގެން ދެމެޗުން އެވަޓާން ބަލިވުމެވެ. އަދި މި ދެމެޗުގައި އެޓީމު ކޮޅަށް ވަނީ ހަތް ލަނޑު ވަދެފައެވެ. އަދި ސްޕާސްއަށް ބަލާއިރު މިއީ މިދިޔަ ހަފުތާގައި ލެސްޓާ ސިޓީއާ އެކު ކުޅެ އެއްވަރު ވުމަށްފަހު ލިބުނު ރަނގަޅު ކާމިޔާބީ އެކެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާއިރު ނޮޓިންހަމް ފޮރެސްޓް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ފޮރެސްޓް އެވެ. މިމެޗުގައި ފޮރެސްޓްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ މޯގަން ގިބްސް ވައިޓްއެވެ.
ފުލަމް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ ފުލަމްއެވެ. މިމެޗުގައި ފުލަމްގެ ދެލަނޑު އެމީލް ސްމިތު ރޯ އާއި އެލެކްސް އިވޯބީ ކާމިޔާބު ކޮށްދިންއިރު ލެސްޓާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ވޫޓު ފައޭސްއެވެ.