ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ބީއެމްއެލް ބޯޑުން ނިންމައިފި

ބީއެމްއެލްގެ ހުޅުމާލޭގައި އޭޓީއެމްއެއް --- ފޮޓޯ: ބީއެމްއެލް

ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ބީއެމްއެލް ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލްއިން އެ ނިންމުން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައި ނުވެއެވެ. ނަމަވެސް "ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި، މީގެ ކުރިން ބީއެލްއެމްއިލް ރުފިޔާ ކާޑަށް ދޫކުރަމުން އައި ޑޮލަރު ދޫނުކުރަން ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.

އެ ނިންމުން ތަންފީޒު ކުރާނެ ތާރީޚެއް މިހާތަނަށް ޔަގީންވެފައި ނުވެއެވެ.

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މިހާރު ކުރެވެނީ 250 ޑޮލަރާ ހަމައަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ބޭނުން ކުރެވެނީ މަހަކަށް 750 ޑޮލަރެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރިއެވެ. ނަމަވެސް އެ ބަދަލު ގެނެވިފައިނުވެއެވެ.

ބީއެމްއެލްގެ ބޯޑުން މިއަދު ރުފިޔާ ކާޑަށް ޑޮލަރު ކަނޑާލަން ނިންމިއިރު، އެ ބޭންކަށް 42 އަހަރު ޚިދުމަތް ކުރައްވާފައިވާ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރަން ނިންމައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އޭނާއަށް ސިޓީއެއް ފޮނުވައިފައެވެ.

https://sun.mv/195899

އެހެންނަމަވެސް، ބީއެމްއެލްއަކީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ބޯޑު މެންބަރުން ވަކި ކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން އޭރު ވަކިކުރި ނަމަވެސް ފަހުން އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ މަގާމަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް