ކަލާފާނު ސްކޫލުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޚާއްސަ ޕެރޭޑެއް މިއަދު ހަވީރު ޖަހަން ތައްޔާރުވެއްޖެއެވެ.
މާލޭގައި އޮންނަ މި ޕެރޭޑު ފަށާނީ މިއަދު ހަވީރު 16:30 ގައި ކަލާފާނު ސްކޫލް ކުރިމަތިންނެވެ.
ސްކޫލުން މައުލޫމާތު ދިން ގޮތުގައި، މި ޕެރޭޑުގައި ސްކޫލުގެ ޔުނިފޯމް ބޮޑީތައް ކަމަށްވާ ކެޑޭޓް، ބޭންޑު ދަރިވަރުންގެ އިތުރުން، ސްކައުޓް، ގައިޑް، ކަބްސްކައުޓް އަދި ލިޓްލް މެއިޑުގައި އުޅޭ ދަރިވަރުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޓީޗަރުންނާއި މުވައްޒަފުން ވެސް ޕެރޭޑުގައި ބައިވެރިވާނެއެވެ.

ކަލާފާނު ސްކޫލު ބްރާސް ބޭންޑް --
ޕެރޭޑުގައި ސްކޫލުގައި އެކި ބެޗުތަކުގައި ކުރިން ކިޔެވި އިސް ދަރިވަރުން ވެސް ބައިވެރިވާނެއެވެ.
އެގޮތުން ޕެރޭޑަށް އެކުލަވައިލެވިފައިވާ ބްރާސް ބޭންޑުގައި ވެސް މިހާރު ބޭންޑުގައި އުޅޭ ދަރިވަރުންގެ އިތުރުން ކުރިން ބޭންޑުގައި އުޅުނު އިސްދަރިވަރުން ހިމެނެއެވެ.
ޖުމްލަ ހަތަރު ތަނަކަށް ޕެރޭޑު މަޑުކުރާއިރު، އެ ތަންތަނުގައި ބްރާސް ބޭންޑުން، އާންމުންގެ މެދުގައި މަގުބޫލު ރާގުތައް ކުޅެ، ދައްކައިލުމަށްވަނީ ހަމަޖެހިފައެވެ.
ޕެރޭޑު މަޑުކުރާ ތަންތަން:
- ގަލޮޅު ޕޮލިސް ސްޓޭޝަން - އަމީނީ މަގު
- ސްޓޮޕް އެންޑް ޝޮޕް - އަމީނީ މަގު
- މާލެ ޕްރިޒަންސް - ބޮޑުތަކުރުފާނު މަގު
- ސްވިމިން ޓްރެކް - ބޮޑުތަކުރުފާނު މަގު

ޕެރޭޑު ރޫޓު -- ފަށަނީ ކަލާފާނު ސްކޫލުން
މި ޕެރޭޑަކީ 2014ވަނަ އަހަރު ސްކޫލުގެ 25ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމަށްފަހު، 10 އަހަރަށްފަހު ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
ސްކޫލުގެ އަަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަަރަށް ބަހައިލައިގެން ޚާއްސަ ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކަމަށް ސްކޫލުން ވަނީ ބުނެފައެވެ.

ކަލާފާނު ސްކޫލު ކެޑޭޓުން --
ކަލާފާނު ސްކޫލަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ތަރައްގީކުރި ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ.
ސްކޫލުގެ އަހަރީ ދުވަހަކީ ޖުލައި 25، 1989 އެވެ.