އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުގެ ސަފީރު ބަލައިގަތުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ނިންމައިފިއެވެ.
އެއާއެކު، ޔޫއޭއީ ވެގެން ގޮސްފައި ވަނީ ތާލިބާނުން ފޮނުވާފައި ހުރި ސަފީރަކު ބަލައިގަނެފައިވާ ދެވަނަ ގައުމަށެވެ. މީގެ ކުރިން ތާލިބާން ސަފީރު ބަލައިގަނެފައި ވަނީ ޗައިނާއިންނެވެ.
ޔޫއޭއީއަށް ޠާލިބާނުން ކަނޑައަޅާފައިވާ ސަފީރަކީ އަލް-މަވްލާވީ ބަދްރުއްދީން އަލް-ޙައްޤާނީއެވެ. އޭނާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފައި ވަނީ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ތާލިބާންގެ ޚާރިޖީ ވުޒާރާއިން ވަނީ އިއުލާނުކޮށްފައެވެ.
ސަފީރު ބަލައިގަތުމަކީ އަންހެން ކުދިން ތައުލީމު ހާސިލު ކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ވަރަށް ބޮޑަށް އެކަހެރިކޮށްފައި އޮތް ތާލިބާން ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ތާލިބާން ސަފީރު ބަލައިގަންނަން އެ ގައުމުގެ ސަރުކާރުން ނިންމުމާ އެކު، އަފްޣާނިސްތާނާއި ޔޫއޭއީއާ ދެމެދު އޮތް ނުތަނަވަސް ގުޅުންތައް ހަރުދަނާ ކުރަން ޔޫއޭއީން ބޭނުންވާ ކަން ހާމަވެގެން ގޮސްފައިވާ ކަމަށް ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވިއެވެ.
އަދި، އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުގެ އުމްރާނީ ތަރައްގާއާއި އާރާސްތު ކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވާން ޔޫއޭއީން ބޭނުންވާ ކަން ސާފުވެގެން ގޮސްފައިވާ ކަމުގައެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ އެކު އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރު ބަލައިގެންފައިވާ ތިން ގައުމުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެއެވެ. 1996 ން 2001 ވަނަ އަހަރާ ދެމެދު އޭރު އޮތް ސަރުކާރަކީވެސް ތާލިބާން ސަރުކާރެކެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް އަރައިގަނެ އެ ގައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.
ނަމަވެސް ތާލިބާނުން ގާއިމު ކޮށްފައިވާ ސަރުކާރު ބޭރު އެއްވެސް ގައުމަކުން ބަލައިގަނެފައެއް ނެތެވެ. ތާލިބާނުންގެ ފަރާތުން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ސަފީރު ކަން ޗައިނާއިން ބަލައިގަނެފައިވީ ނަމަވެސް އެ ގައުމުން ވެސް ތާލިބާނުންގެ ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ.
ތާލިބާނުންގެ އިގްތިސާދީ ގުޅުންތައް ޔޫއޭއީއާ ހިއްސާކުރާއިރު، 2022 ވަނަ އަހަރު ކާބުލް އެއާޕޯޓުގެ އޮޕަރޭޝަންތައް ހިންގުމުގެ އެއްބަސްވުމެއްގައި ތާލިބާނުން ވަނީ ޔޫއޭއީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ތާލިބާނުންގެ ދާޚިލީ ވަޒީރު ސިރާޖުއްދީން އަލް-ޙައްޤާނީ ވަނީ ޖޫން މަހު ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒަޔިދު އަލް-ނަޙްޔާނާވެސް ބައްދަލު ކުރައްވައިފައެވެ. އޭގެއިތުރުން މިދިޔަ ހަފްތާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ އަފްޣާނިސްތާނުގެ ބޮޑުވަޒީރު އެމިރޭޓްސްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޒިޔާރަތް ވެސް ކުރައްވާފައެވެ.