ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި ޕޯލިއޯ ޖެހުނު 10 މަހުގެ ކުއްޖަކު ވާގިނެތިއްޖެއެވެ.
މިއީ ފާއިތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއިން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނާތު ފައިގެ ތިރީ ފައިގެ ހަރަކާތް ގެއްލިފައިވާ ތުއްތު ކުއްޖާގެ ހާލު އިތުރަށް ގޯސްނުވާ ކަމަށެވެ.
ޓައިޕް-2 ވައިރަސް (cVDPV2) އަކީ ޓައިޕް-1 އަދި ތިނަކަށް ވުރެ އޭގެ ޒާތުގައި ނުރައްކާތެރި ވައިރަސް ނޫން ނަމަވެސް، ފާއިތުވި އަހަރުތަކުގައި ޕޯލިއޯގެ މަޑުކަން އާންމުވީ ޓައިޕް-2 ވައިރަސްގެ ސަބަބުންނެވެ.
އދ.އިން ވަނީ ޣައްޒާގައި ވެކްސިން ދިނުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑައިލުމަށް އިސްރާއީލަށާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަށް ގޮވައިލައިފައެވެ.
"ޕޯލިއޯ އިން ފަލަސްތީނާއި އިސްރާއީލުގެ ކުދިން ތަފާތެއް ނުކުރޭ،" ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ)ގެ ވެރިޔާ، ފިލިޕް ލަޒްރިނީ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި ހަނގުރާމަ މެދުކަނޑައިލުން ލަސްވާނަމަ، ބަލި ފެތުރުމުގެ ނުރައްކާ އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާބާދީ ބޮޑު ޣައްޒާގެ ހުރިހާ ހިސާބެއްގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އަދި ސެޕްޓެމްބަރު މަހު ޕޯލިއޯ ވެކްސިން ދިނުމުގެ ދެ ބުރެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.
ހަނގުރާމައިގެ ސަބަބުން ސިއްހީ ޚިދުމަތް ލިބުން ހުއްޓި، ސާފުތާހިރުކަން ނެތުމުގެ ސަބަބުން ޣައްޒާގެ އާންމުނަށް ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ޕޯލިއޯ ވައިރަސް އާންމު ގޮތެއްގައި ފެތުރެނީ ވައިރަސް ހުރި ކާނާ ކެއުމުންނެވެ. އެ ވައިރަސް ޖެހުމުން ނާރުތަކަށް ގެއްލުންވެ، ހަށިގަނޑުގައި ވާގިނެތުމުގެ މައްސަލަ ކުރިމަތިވެއެވެ.
ނަމަވެސް ގިނަ އަދަދަކަށް ވެކްސިން ދިނުމުގެ ކެމްޕޭންތަކުގެ ސަބަބުން 1988 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ޕޯލިއޯގެ ކޭސްތައް 99 ޕަސެންޓް މަދުވެފައިވާއިރު، ޕޯލިއޯ މުޅިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.