ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީއިން ވިދާޅުވީ މި ދަތުރުފުޅުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސައޫދާ ބައްދަލުކުރައްވަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސައުދީ އަރަބިއްޔާގެ ޢަހުދުވެރި ރަސްކަލުންނާއި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައޫދަށް އެޑްރެސްކޮށްފައިވާ ސިޓީފުޅެއް އަރުވައިފައި ވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލްއާއެކު ބޭއްވުނު ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އަޚުވަންތަ ގުޅުމާއި، ދެ ފަރާތަށް މަންފާކުރާނެ ދާއިރާތަކުގައި ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރިޔާދުގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައި މިިނިސްޓަރު ވަނީ އެ ބޭފުޅުންގެ ޙާލު ބައްލަވާފައެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި އެމްބެސެޑާ-އެޓް-ލާޖް އަޙްމަދު ނަޞީރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، އަދި ޑިރެކްޓާ ޖެނެރަލް ޢާއިޝަތު ފަރީނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.