މަތީ ތައުލީމަށް ޚާއްސަކޮށްގެން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތް ބުރީގެ އިމާރާތް ކުރުމަށް ޓަކައި ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފިއެވެ.
ޖޫން 2024ގައި އައިޔޫއެމްއިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބް ކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމަންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.
މި ކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން، ޙަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރިވައި، ހަމަ އެއާއެކު އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް ކަމަށެވެ.
"މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ހަމަ އެހެންމެ، އިލްމީ އިގްތިސާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ," ހަސަން ކަލާމް ވިދާޅުވިއެވެ.
ބީއެމްއެލް އިސްލާމިކްއިން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއްސަސަތާކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ޚިދުމަތް ދެމުންނެވެ.