ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކިއޮސްކްތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ދެެވަނަ ފިޔަވަހީގައި އަޅާފައިވާ ކިއޮސްކްތައް: އެ ކިއޮސްކްތައް ކުއްޔަށް ދޫކުރަން ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ ހުޅުވާލާފައި --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ކިއޮސްކްތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިހި ކިއޮސްކް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ކިއޮސްކްތައް ކުއްޔަށް ދޫކުރަނީ އެ ކޯޕަރޭޝަނަށް ހުށަހަޅާ ފޯމުތަކުގެ މެދުގައި ގުރުނަގައިގެންނެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 14:00އަށް ކިއޮސްތައް ހިންގުމަށް ހުށަހަޅާ އީއޯއައި ފޯމު ވިއްކާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

ފޯމު ވިއްކާނީ އެޗްޑީސީ ރިސެޕްޝަން ސެންޓަރު، މޯލް ގްރައުންޑް ފްލޯއިންނެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:00އަށެވެ.

މީގެއިތުރުން، އެޗްޑީސީން ބުނީ، ފޯމު ތަކުގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ 19ވަނަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށާއި ގުރުނެގުމަށް ހަމަޖެހިފައިވާ ތަން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުންނާއި ކޯޕަރޭޝަންގެ ނަމަބަރު 1516އަށް ގުޅައިގެން ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް