ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ދެން ފިޔަވަޅު އަޅާނަން؛ ބާރު ލިބިއްޖެ: ޚަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ބާރުތައް ލިބިއްޖެކަމަށާއި ދެން ފިޔަވަޅު އަޅާނަން ކަަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރަޖިސްޓާ ކުރުމެއްނެތި ގަވާއިދާ ޚިލާފަށް ކާބޯތަކެތި އުފައްދައިގެން ވިއްކާ ތަންތަން މާދަމާއިން ފެށިގެން ޖޫރިމަނާކޮށް އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ލިބިފައިވާ ކަމަށާއި އެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މިއަހަރުގެ މެއި މަހުގެ 23ވަނަ ދުވަހު ތަސްދީގުކުރައްވާފައެވެ. އަދި އެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

މިނިސްޓަރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ ބިލުގެ ތަފުސީލު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

މި ބިލަށް އަމަލުކުރަން ފަށާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބޮޑެތި ބާރުތަކެއް ލިބިގެންދެއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރަޖިސްޓާނުކޮށް ހިންގާ ވިޔަފާރިތައް 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބެއެވެ.

މާދަމާއިން ފެށިގެން، މި ގާނޫނު އިން އެކްޓްވާ [އަމަލުކުރަން ފަށާ] ހިސާބުން، އެމްއެފްޑީއޭއަށް ބާރު އެބަ ލިބޭ ގޮސް ބަލާ ފާސްކޮށް އެތަން ބަންދު ކުރުމާއި އަދި ރަނގަޅުކުރާ ހިސާބުން އެތަން ހުޅުވުމަށް ވެސް، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މިނިސްޓަރު ޚަލީލް ވިދާޅުވީ، މި ގާނޫނާ ޚިލާފަށް ކާބޯތަކެތި އުފައްދާ މީހާއަކީ ރާއްޖެއިން ބޭރު މީހެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރު ގިނަފަހަރަށް ކާބޯތަކެތި އުފައްދައި ފިހާރަތަކަށް ވިއްކާ މީހުންނަކީ ރެޖިސްޓާ ކޮށްގެން އެކަން ކުރާ ބަޔަކަށް ނުވާތީ އެއީ ކޮން ބައެއްކަން ޓްރެކް ނުކުރެވޭ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ބާރުތައް ލިބިއްޖެކަމަށާއި ދެން ފިޔަވަޅު އަޅާނަން ކަަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ނަމަވެސް އަމަލުކުރަން މިފަށާ ގާނޫނާއެކު އެފަދަ ފަރާތްތައް ޓްރެކްކޮށް ޒިންމާ ކުރެވޭނެ ފަރާތްތައް ވެސް ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަ ގުޅަ ޕެކެޓު ފަދަ ތަކެތި އުފެއްދީ ކޮންތާކުންކަން އެނގޭގޮތަށް ލޭބަލްކުރަން ވެސް ޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށް ލައިސަންސް ނަންބަރެއް ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން އެ ވިއްކާ ކާބޯތަކެތީގައި އެ ލައިސަންސް ނަންބަރު ލޭބަލްގައި ޖަހަންޖެހޭނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

މިހާރު އޮތްގޮތުން ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓް ކުރަން އުނދަގޫ. ފަސޭހައިން ރިޕޯޓް ކުރެވޭނެ ގޮތެއް ގާއިމުކުރަން އަޅުގަނޑުމެން ވަކި ނަންބަރެއް ގާއިމުކޮށް އާންމުންނަށް އެ ނަންބަރަށް ފޮޓޯތަކާ ވީޑިއޯތައް ވަޓްސްއެޕް އަދި ވައިބާ ކުރެވޭނެ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ޚަލީލް އިތުރަށް ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަން އިތުރަށް ހަރުދަނާކޮށް ކުރިއަށް އޮތް ތަނުގައި ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ.

އަދި ސިއްހަތަށް ފައިދާހުރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ.

comment ކޮމެންޓް