ޝަމީމު ލައިވްކޮށްދޭން އެދުމުން ވެސް ކޮމިޓީ ސިއްރުކޮށްފި

ޕީޖީ ޝަމީމް މަޖިލީހުގައި: އެ ކޮމިޓީ ވަނީ ސިއްރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވާން އޭނާ މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވާއިރު ލައިވްކޮށްދޭން އެދުނު ނަމަވެސް އެ ކޮމިޓީ ސިއްރުކުރަން މަޖިލީހުން ނިންމައިފިއެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރަން ވަނީ ނިންމައިފައެވެ. އެ ކޮމިޓީއަށް ވަޑައިގެންނެވުމުގެ ކުރީގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޓީ ލައިވްކޮށްދޭން ޕީޖީގެ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވެފައެވެެ.

"ކޮމިޓީގެ މި ޖަލްސާ ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕްރޮސިކުޓަރ ޖެނެރަލް އެދިވަޑައިގަންނަވައެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެކަމަކު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ޕީޖީ ޝަމީމަށް ކުރެވޭ ތުހުމަތުތަކުގައި އެހެން ބައެއް މީހުންގެ ޒާތީ ކަންކަން ހިމެނޭކަން ފާހަގަކުރައްވައި ޕީޖީއަށް އިހުތިރާމުކުރުމުގެ ގޮތުން ކޮމިޓީ ސިއްރުކޮށްދޭން ހުށަހަޅުއްވައިފައެވެ.

އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ، ކޮމިޓީ ސިއްރުކުރަން އެދި ހުށަހެޅި ހުށަހެޅުމަށް ވޯޓަށް އެހުމަށް ފަހު ކޮމިޓީ ސިއްރުކުރަން ވަނީ ނިންމައިފައެވެ.

ޝާހިދު ހުށަހެޅުއްވި ސިޓީގައިވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
  • އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
    ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް އާންމުންގެ ބައެއް މީހުން ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ގޮވާލައި މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބަކީ ވާނުވާ ބަންދުގެ މައްސަލަ ހައްލުނުވެ އޮތުމެވެ.

އިދިކޮޅުގައި އޮތްއިރު ޕީއެންސީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 8، 2019 ގައެވެ.

comment ކޮމެންޓް