ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާބަން ޑިވަލޮޕްމަންޓް ބިލަކީ މުޅި ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައި އޮތް މާއްދާއެއްގެ ސަބަބުން، ކައުންސިލަރުންނަށް ދެވިފައިވާ އިގްތިޞާދީ އަދި މާލީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަތުމުގެ ފުރުސަތު ސަރުކާރަށް ލިބެއެވެ.
ފައްޔާޒު ވިދާޅުވީ މި މައްސަލައިގައި ރައްޔިތުންނާ ހިސާބަށް ދާންޖެހޭ ކަމަށާއި، އަދި އެފަދަ ބަދަލެއް ވުޖޫދު ނުކުރުމަށްޓަކާ ކުރަންޖެހުނު ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހިފަހައްޓައި، ކުރިއެރުވުމަށް ޓަކައި ކައުންސިލަރުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް. އެހެންވީމަ މިއީކީ ހަމަ އެކަނި ލާމަރުކަޒީ ނިޒާމަށް ދޭ ހަމަލާއެއް އެކަންޏެއް ނޫން. މިއީ މުޅި ޑިމޮކްރަސީއަށް ވެސް މި ސަރުކާރުގެ ފަރާތުން ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާ ހިސާބަށް ގެންނަ އެންމެ ނުރައްކާ އެއް ހަމަލާ" ފައްޔާޒު ވިދާޅުވިއެވެ.
ކޮންމެ ފަހަރަކު ވެސް އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުން ޒިންމާތަކުން އެކަހެރިކުރުމަށް މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ސަރުކާރުން ހުށަހެޅި މި ބިލުގެ ސްޕޮންސަރަކީ ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ.
ޚަރަދު ކުޑަކުރުމަށް ޓަކައި މަޖިލީހުގެ ސައިޒުކުޑަކޮށް، ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، އަދި އެ ފަދަ އިސްލާހެއް މަޖިލީހަކަށް ހުށަހައެއް ނާޅައެވެ.
ކައުންސިލަރުންގެ އަދަދު މަދުކޮށް، އެ މީހުންނަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުވެރިކަމާއި މިނިވަންކަން މި ސަރުކާރުން ހަނިކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރަމުންނެވެ.