ރާއްޖޭގެ އެއްވެސް ޕޯޓެއްގައި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ވަސީލަތެއް ގާއިމުވެފައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓުތަކުން ދައްކައިފިއެވެ.
ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި އަމަލުކުރާ ގޮތުގެ ޕާފޯމަންސް އޮޑިޓު ރިޕޯޓެއް އެ އޮފީހުން ވަނީ އާންމުކޮށްފައެވެ. އެ އޮޑިޓު ރިޕޯޓުގައި ބުނާ ގޮތުން ރާއްޖެއަށް ކަނޑުމަގުން މުދާ އެއެތެރެކުރާ އެއްވެސް ބަނދަރެއްގައި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައެއް ނުވެއެވެ.
މިކަމުގެ ސަބަބުން، ބަނދަރުތަކުގައި މުދާ ބާލާ ފާސްކުރާއިރު ގިނަ މުދާތައް ފާސްކުރަންޖެހެނީ ސްކޭން ނުކޮށް ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެންކަމުން، އެތެރެކުރެވޭ މުދަލާއެކު މަސްތުވާތަކެއްޗާ ރާއްޖެ އެެރެކުރުން މަނާ ތަކެތި އެތެރެވުމަށް މަގުފަހިވެފައިވުމާއި ކޮންޓެއިނާ ތަކުގައި ޑިކްލެއާ ނުކޮށް މުދާ އެތެރެކޮށް ދައުލަތަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީ ގެއްލިގެން ދިއުމަށް މަގުފަހިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު ތަންފީޒުކުރުމަށް ބޭނުންވާނޭ ވަސީލަތްތައް ބަނދަރުގައި ގާއިމްކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ސަބަބުން ބަނދަރުތަކަށް އަންނަ މީހުންނާއި ފުރާ މީހުންގެ ތެރެއިން ގައިން ގަޔަށް އަރާ ބަލި ހުރިކަމަށް ޝައްކު ކުރެވޭ މީހުން ދެނެގަތުމަށާއި އެފަދަ މީހުން ސްކްރީން ކުރުމަށް ބޭނުންވާނެ ތަންތަނާ އެމީހުން އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ނިޒާމެއް ވެސް ނެތްކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ޖަރާސީމުގެ އަސަރުކޮށްފައި ހުރެދާނެ އުޅަނދުފަހަރާއި މުދަލާއި ތަކެތި އެހެންތަނަކަށް ގެންދެވެންދެން ނުވަތަ ސިއްޚީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމެއް ބަނދަރުތަކުގައި ނެތްކަންވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ނުރައްކާތެރި ކެމިކަލްފަދަ ތަކެތި ރައްކާކުރުމަށް އެކަށީގެންވާ އިންތިޒާމެއް ހަމަޖެހިފައި ނެތް ކަން ވެސް ހިމެނެއެވެ. އަދި މުދާ ބާލައި ފާސްކުރުމުގެ މަސައްކަތުގައި ޝާމިލުވާ މުއައްސަސާތަކުގެ މެންޑޭތުގައިވާ މަސައްކަތްތައް ކުރުމަށް ބަނދަރުތަކުން ބޭނުންވާ ޖާގަ އެ މުއައްސަސާތަކަށް ލިބިފައި ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެ ފަރާތްތަކަށް މަސައްކަތްކުރުމަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ބަނދަރުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.