މިފްކޯއިން ބޭނުންކުރި ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފި

ކަނޑުއޮތްގިރި: މިފްކޯއިން ބޭނުން ކުރަމުން ދިޔަ ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައި ----

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޭނުންކުރި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅުންހުރި ތަފްސީލުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެމްއެންޑީއެފްގެ ބޭނުމަކަށް ކަނޑުއޮތްގިރި މި މަހު ހަތަރުވަނަ ދުވަހު އެމްއެންޑީއެފާ ހަވާލުކޮށްފައިވކަމަށެވެ. އަދި މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރުން ހަމަޖައްސައިދިނުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅިވިއެވެ.

ކަނޑޮއޮތްގިރިއަކީ ކަންނެލި މަސްވެރި ކަމަށް ޚާއްސަކޮށް ކާރުހާނާއެއް ހިންގި ރަށެއް ކަމަށާއި ދިގު މުއްދަތަކަށް އެ ކަން ކުރެވުނު ނަމަވެސް، އެރަށުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވާހަކަދައްކަވަނީ --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ވަރަށް ބޮޑު ހޭދައެއް ކުރެވިއްޖެ. ނަމަވެސް މަސްވެރިންނަށް ނޫނީ ކަންނެލި މަސްވެރިންނަށް ކަނޑުއޮތްގިރީގެ ފަޅަކީ ވެސް އެދެވޭ ހައްލެއް ލިބުނު ފަޅަކަށް ނުވި

އެގޮތުން، ކަނޑުއޮތްގިރީގައި ހިންގި ކާރުހާނާ ބަދަލު ކުރާނީ ހުޅުމާލެއަށް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި ނަމަވެސް އެ ކާރުހަނާ ބަދަލު ކުރާނެ ތާރީޚެއް ވިދާޅުވެފައެއް ނުވެއެވެ.

މީގެއިތުރުން، ހުޅުމާލެ ބަނދަރުން ހަމަޖައްސާ ބިމަކީ މަސް ބަންދު ކުރާ ކަންނެލި މަސްވެރިންނަށް ރަނގަޅު ތަނަކަށް ވާނެ ކަމަށާއި ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީތެރިކަން ވެސް ލިބިފައި ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް