ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގުތަކުން 4000 ޕާކިން ފުރުސަތު ފަހިވާނެ: ފަޒުލް

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު: ވިދާޅުވީ ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގްތަކުން 4000 ޕާކިން ފުރުސަތު ފަހިވާނެ ކަމަށް ---- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގުތަކުން މަދުވެގެން 4000 ޕާކިން ފުރުސަތު ފަހިވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، ހުޅުމާލެއިން ޕާކިން ބޭނުންވާ ފަރާތްތަކަށް ކުލި ދައްކާ ގޮތަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅަން ނިންމައިފައިވާ ކަމަށެވެ. ނަމަވެސް އަގުދައްކާ ގޮތަށާއި ނުދައްކާ ގޮތަށް ވެސް ތަފާތު މޮޑެލްތަކަކަށް ޕާކިން ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އެބަ އިއުލާނު ކުރަން ހުޅުމާލޭގައި ޑިވެލޮޕްމަންޓު ޕްލޭންގެ ތެރެއިން ފަނަރަ ވަރަކަށް ޕާކިން ބިލްޑިންގު. ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ މިއަދު އަޅުގަނޑަށް ދަންނަވާލަން ކެރޭ ގާތްގަނޑަކަށް 4000 ޕާކިން ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

އިތުރަށް ފަޒުލް ވިދާޅުވީ، ހުޅުމާލޭގައި ޕާކު ކުރުމަށް ބިލްޑިންގުތަކެއް ހެދުމާއެކު ރައްޔިތުންނަށް ވެހިކަލްތައް ދާއިމީކޮށް ޕާކުކޮށްފައި ބާއްވާނެ ތަނެއް ލިބޭނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ވިޔަފާރި އުސޫލުން ކަމަށާއި ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެ މަޝްރޫއު އިއުލާނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަގުސަދަކީ މާލެއާއި ހުޅުމާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންނަށް ފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެންމެ ގިނަވެގެން ދެ އަހަރާއި ތިން އަހަރާ ދޭތެރޭ ޕާކިން ބިލްޑިންގުތައް ނިންމައި ޕާކިން މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި، މާލެ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަދި ހޯމް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.

comment ކޮމެންޓް