މަކުނު ވިދުރިއަކީ ދެވަނަ ކޮވިޑަކަށް ނުވާނެ: ޑަބްލިޔުއެޗްއޯ

ހަލުއިކަމާއެކު ފެތުރެމުންދާ މަކުނު ވިދުރިއަކީ ކޮވިޑް އާ ވައްތަރެއް ނޫން ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައި -- ފޮޓޯ/އަލް ޖަޒީރާ

އެފްރިކާގެ ގައުމުތަކުގައާއި ޔޫރަޕް އަދި އޭޝިއާއާ ހަމައަށް ވެސް އައިސް، މިހާރު ފެތުރެމުންދާ އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއަކީ ކޮވިޑް-19 ގެ އާ ވައްތަރެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިއްޔެ ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ ކޮވިޑާ ޚިލާފަށް މަކުނު ވިދުރީގެ ވައިރަސްތައް ވަނީ މާކުރިން ދެނެގަނެވިފައި ކަމަށާއި އެހެންވެ، އެ ވައިރަސް ކޮންޓްރޯލްކުރެވޭނެ ގޮތްތައް ވެސް އެނގޭ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ޔޫރަޕިއަން ޑިރެކްޓާ ހަންސް ކްލޫޖް ވިދާޅުވީ، މަކުނު ވިދުރީގެ ނުރައްކާ މުޅު ދުނިޔެއަށް އޮތް ކަމަށް އިއުލާނުކުރީ އޭގެ 'ކްލޭޑް 1ބީ'ގެ ސްޓްރެއިން ހަލުވިކަމާ އެކު ފެތުރޭއިރު، އެ ސްޓްރޭންއާ ބެހޭގޮތުން އިތުރު ދިރާސާތައް ކުރަން ޖެހޭތީއެވެ. ނަމަވެސް، މަނުކުވިދުރި ފެތުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުލައި 2022 ގައި ޑަބްލިޔުއެޗްއޯއިން ވަނީ އެ ބަލީގެ ކްލޭޑް 2ބީ ސްޓްރޭން ފެތުރޭތީ ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ފަހަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ކްލޭޑް 1ބީ އަކީ 2ބީއަށްވުރެ ނުރައްކާތެރިކަން ބޮޑު ސްޓްރެއިންއެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

"މަކުނު ވިދުރި އަކީ އާ ކޮވިޑެއް ނޫން،" ކްލޫޖް ވިދާޅުވިއެވެ.

"އެމްޕޮކްސް ކޮންޓްރޯލް ކުރާނީ ކިހިނެއްކަން އެނގޭ. އަދި ޔޫރަޕްގެ ސަރަހައްދުގައި ބަލި ފެތުރުން އެއްކޮށް ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެނގޭ،" ޖެނީވާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ބޭއްވި ޕްރެސް ބްރީފިންގައި ކްލޫޖް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޕޮކްސްގެ ނުރައްކާ ޖުމްލަކޮށް މުޅި އާބާދީގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެންވެ، މިއީ ކޮވިޑްގައި ކުރި ގޮތަށް ލޮކްޑައުން ކުރަންޖެހޭ ހާލަތެއް އޮތް ބައްޔެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ކްލެޑް 1ބީ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުގެ ސަބަބުންނެވެ.

ކްލޫޖް ވިދާޅުވީ، ދެން މި ވައިރަސް ފެތުރޭނީ ބަލީގެ ހާލަތު އެންމެ ގޯސް ހިސާބަށް ގޮސްފައި ހުރި މީހެއް، ޚާއްސަކޮށް، އަނގައިގައި ފޮޅު ނަގާފައިހުރި މީހެއްގެ ކުޅުން، އޭނާއާ ގައިގޯޅިކޮށް އުޅޭ މީހުންނަށް ކަމަށެވެ.

"ބަލި ފެތުރޭ ގޮތްތައް އަދި މުޅިން ސާފު ނުވާތީ އިތުރު ދިރާސާތައް ބޭނުންވޭ،" ކްލޫޖް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސަރެވިޗް ވިދާޅުވީ، މި ބައްޔާ ގުޅިގެން، މާސްކު އެޅުމަށް އެ އެޖެންސީން ލަފާ ނުދޭ ކަމަށެވެ. އަދި، މުޅި އާބާދީއަށް ވެކްސިން ދޭކަށް ވެސް އިރުޝާދެއް ނުދޭ ކަމަށާއި ލަފާ ދެނީ އެންމެ ނުރައްކާ ބޮޑު ގްރޫޕްތަކަށް ބަލިމަޑުކަމުގެ ހާލަތުގައި ވެކްސިން ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 14 ގައި އިއުލާނުކުރީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ކްލެޑް 1ބީ ގެ ކޭސްތައް އިތުރުވެ، ކައިރި ގައުމުތަކަށް ފެތުރެމުންދާތީއެވެ. އެ ބަލީގެ ކޭހެއް ސްވިޑެންއިން ފެނިފައިވާއިރު، ޕާކިސްތާނާއި، ޕިލިޕީންސްއިން ވެސް މަކުނު ވިދުރީގެ ކޭސްއެއް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް