މި މަހުގެ ކުރީކޮޅު އޮލިމްޕަހުގައި ދައްކަން ފެށި ލޯބީގެ ބިރުވެރި ފިލްމު "ސާޔާ"ގެ ވަދާއީ ޝޯތައް ދައްކަން ތައްޔާރުވެއްޖެއެވެ.
ތަފާތު އެކި ޖޯންރާތަކުގެ ފިލްމުތަކުން ފެނުމުގެ އިތުރުން ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އުފެއްދި މި ބިރުވެރި ފިލްމު އިއުލާނުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.
ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ވެސް ކޮށްފައިވަނީ އޭނާއެވެ. މި ފިލްމުގެ މުހިއްމު ރޯލަކުން ވެސް ޔޫއްޕެ ފެނިގެން ގޮސްފައިވެއެވެ. މި ފިލްމު ދައްކަން ފަށާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
އެންމެ ފަހުން މިހާރު ތައްޔާރުވަމުން އަންނަނީ ފިލްމުގެ ވަދާއީ ޝޯތައް ދައްކާށެވެ. މި ފިލްމުގެ ވަދާއީ ތިން ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވެއެވެ. މި ތިން ޝޯ އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު އަދި ހޮނިހިރު ދުވަހުގެ ރެއެވެ. މި ތިން ޝޯގެ ޓިކެޓު މިހާރު ވެސް ދޫކުރަމުން އެބަދެއެވެ.
ތިން ޝޯއާ އެކު ފިލްމު އޮލިމްޕަހުން ނަގަން ތައްޔާރުވެފައިވާއިރު މި ފިލްމު ވެގެން ގޮސްފައިވަނީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިލްމަކަށެވެ. ގިނަ ބަޔަކު ހީވެސް ނުކުރާ ފަދަ ޓުވިސްޓުތަކާއި ސިއްރުތައް ފިލްމުން ފެނިގެން ގޮސްފައިވާ ކަމަށް ބައެއް ބެލުންތެރިން ބުނެއެވެ. އިތުރު ބެލުންތެރިން ބުނާގޮތުގައި މި ފިލްމަކީ ވަރަށް ތަފާތު ބިރުވެރި އަދި ލޯބީގެ ވާހަކައެކެވެ. އަދި، ދެވަނަ ފަހަރަށް ވެސް ފިލްމު ބަލާނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
ސާޔާގައި ޔޫއްޕެގެ އިތުރުން ލީޑުން ދެން ފެންނާނީ އައިމިނަތު ރަޝްފާ (އާޝާ)އެވެ. އޭގެ އިތުރުން އަހުމަދު ނިމާލް އާއި މުހައްމަދު މަނިކު އަދި އިބްރާހިމް ޖިހާދު (ޖިމީ) ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނެއެވެ.
މި ފިލްމު އޮލިމްޕަހުން ނެގި ނަމަވެސް މިހާރު އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފިލްމު އެޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.