މިދިޔަ ހަފުތާ އޮލިމްޕަހުގައި ދައްކަން ފަށާފައިވާ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ" އަތޮޅުތަކުގައި ދައްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ތަފާތު އެކި ޖޯންރާތަކުގެ ފިލްމުތަކުން ފެނުމުގެ އިތުރުން ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އުފައްދާ މި ބިރުވެރި ފިލްމު އިއުލާނުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.

ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ވެސް ކުރާނީ އޭނާއެވެ. މި ފިލްމުގެ މުހިއްމު ރޯލަކުން ވެސް ޔޫއްޕެ ފެންނާނެއެވެ. މިދިިޔަ ބުދަ ދުވަހު ފިލްމު ވަނީ އޮލިމްޕަހުގައި ދައްކަން ފަށާފައެވެ.

މިހާރު ޕްރޮޑަކްޝަނުން ތައްޔާރުވަނީ ފިލްމު އަތޮޅުތަކުގައި އެޅުވުމަށެވެ.

އެ ގޮތުން, މި މަހުގެ 15 ވަނަ ދުވަހު ދެ ސަރަހައްދެއްގައި ސާޔާ އެޅުވުމަށް ވަނީ ތާވަލު ކުރެވިފައެވެ. މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ހދ. ކުޅުދުއްފުށި އަދި އދ. ދަނގެތީގައެވެ. މި ޝޯތަކަށް މިހާރު އަންނަނީ ޓިކެޓުތައް ވިއްކަމުންނެވެ.

މި ފިލްމު އަތޮޅުތެރޭގެ އެހެން ރަށްތަކުގައި އަޅުވަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް ޕްރޮޑަކްޝަނުން ހާމަކުރެއެވެ.

ސާޔާގައި ޔޫއްޕެގެ އިތުރުން ލީޑުން ދެން ފެންނާނީ އައިމިނަތު ރަޝްފާ (އާޝާ)އެވެ. އޭގެ އިތުރުން އަހުމަދު ނިމާލް އާއި މުހައްމަދު މަނިކު އަދި އިބްރާހިމް ޖިހާދު (ޖިމީ) ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނެއެވެ.

ސާޔާއަކީ ޔޫއްޕެ އުފައްދާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުއާ އެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ރިލީޒްކޮށްފައެވެ. އޭގެ އިތުރުން "އެ ދަތުރު"އާއި "ދައުވަތު" ފަދަ ފިލްމުތަކަކީ ވެސް ޔޫއްޕެގެ ބިރުވެރި ފިލްމުތަކެވެ.

comment ކޮމެންޓް