އެފްއޭއެމްގެ ހާލަތު ހިއްސާކޮށް ތޯރިގު ވިދާޅުވީ، އިހުމާލުތައް ބަލާ ފިޔަވަޅުއެޅެންވާނެ ކަމަށް

އެފްއޭއެމްގެ ހާލަތު ހިއްސާކޮށް ތޯރިގު ވިދާޅުވީ، އިހުމާލުތައް ބަލާ ފިޔަވަޅުއެޅެންވާނެ ކަމަށް -- ފޮޓޯ/ ތޯރިގު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިމާރާތުގެ އެތެރޭގެ ހާލަތު ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެފްއޭއެމްގެ އިހުމާލުތައް ބަލާ ފިޔަވަޅުއެޅެންވާނެ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގަކީ ކުރިން ރާއްޖޭގައި ފާހަގަކޮށްލެވުނު ފުޓުބޯޅަ ކުޅުންތެރިއެކެވެ.

އޭނާ މިރޭ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެފްއޭއެމްގެ ހާލަތު ހިއްސާކޮށްފައެވެ. އޭނާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެފްއޭއެމްގެ އެތެރޭގައި ހުރި ހިފާގެންގުޅޭ ސަމާނު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ޖާޒީތައް ބިންމަތީ ހުރި އިރު، މުޅި ތަން ވަނީ ބޮލަށް ވެއްޓޭވަރަށް ބާވެފައެވެ.

އެ ހާލަތަށް އެފްއޭއެމްގޮސްފައި ވާއިރު، ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމު އަދީލް ޖަލީލާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް ކަމަށް ތޯރިގު ވަނީ ލިޔުއްވާފައެވެ.

މިއަހަރު ޖަނަވަރީ މަހު ވެސް ޓޮމް ވަނީ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް ނަން ހުށަހަޅާފައެވެ. ނަމަވެސް އޭނާގެ ކެންޑިޑެސީ އެފްއޭއެމްއިން ބާތިލުކުރިއެވެ.

މިދިޔަ އަހަރު ޓޮމް އިސްކޮށް ހުންނަވާ ބައްސާމް މަގާމުން ދުރުކުރުމުގެ މަސައްކަތެއް ވެސް ފެއްޓެވިއެވެ. ބައްސާމަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ އިރު، ގިނަ ބަޔަކު ދަނީ އޭނާ މަގާމުން އިސްތިއުފާދެއްވުމަށް ވެސް ގޮވައިލަމުންނެވެ. ދާދި ފަހުން ފުލުހުން ވެސް ވަނީ އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ތަހުގީގެއް ވެސް ފަށައިފައެވެ. އެކަމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ވަނީ ހިފައްޓާފައެވެ.

ފީފާއިން ވެސް މިހާރު ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑުކުރަން ނިންމާފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

comment ކޮމެންޓް