އަންނަ ހުކުރު ދުވަހު ދެ މިސްކިތެއްގައި ޚުތުބާ ދެއްވާނީ ބޭރު ދެބޭފުޅުން

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ނަމާދުކުރައްވާ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ޙަމްދާން އައްސުލާމީ (ކ) އާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: އަންނަ ހުކުރުގައި މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ ބޭފުޅަކު ޚުތުބާ ދެއްވަނީ --- ފޮޓޯ/ މިނިސްޓަރު ޝަހީމް

އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ ބޭފުޅަކު ހުކުރު ނަމާދު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމު މަޖުދީ އީސާ ކަމަށެވެ.

އެގޮތުން، އިމާމު މަޖުދީ ޚުތުބާ ދެއްވާނީ އިނގިރޭސި ބަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިމާމު މަޖުދީ ވަނީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވާފައެވެ.

މީގެއިތުރުން، އިސްލާމީ މަރުކަޒުގައި އަންނަ ހުކުރު ދުވަހު ހުކުރު ނަމާދުކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ޙަމްދާން އައްސުލާމީ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ އޮސްޓްރޭލިއާ ނޭވީގެ އިމާމު މަޖްދީ އީސާ (ވ) އާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: އަންނަ ހުކުރުގައި މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ ބޭފުޅަކު ޚުތުބާ ދެއްވަނީ --- ފޮޓޯ/ މިނިސްޓަރު ޝަހީމް

ޑރ. ޙަމްދާން ޚުތުބާ ދެއްވާނީ އަރަބި ބަހުން ކަމަށްވާއިރު، އެ ޚުތުބާގެ ދިވެހި ތަރުޖަމާ ޓީވީތަކުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އަރަބި ބަހުން ޚުތުބާއެއް ދެއްވީ އެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ކަމަށެވެ. މިގޮތުން، އެ ޚުތުބާ ދެއްވީ މިސްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިޚް ޖާދަލް ޙައްޤު ކަމަށާއި މިއަހަރުގެ ނޮވެންބަރު 11އަށް އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭނެ ކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

އެ މުނާސަބާތާ ގުޅުވައި ރަސްމިއްޔާތެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/195575

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހުކުރުގައި ވަނީ ހުކުރު ޚުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ޓީވީތަކުން ފެންނާހެން ހަދާފައެވެ.

comment ކޮމެންޓް